"ރަށްވެހި ތަރައްގީ" އިންވެސްޓްމަންޓް ފޯރަމްގައި 300 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމަންޓް ފުރުސަތުތަކެއް ހުޅުވާލާފައިވާ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

އެމްޑީޕީގެ 5 ވަނަ ކޮންގްރެސްގައި ވަނީ "ރަށްވެހި ތަރައްގީ" ގެ ނަމުގައި އިންވެސްޓްމަންޓް ފޯރަމެއް ބާއްވާފަ އެވެ.  މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިފަދަ ފޯރަމެއް ބޭއްވި ފުރަތަމަ ފަހަރެވެ. މި ފޯރަމަކީ ޕާޓީގެ ޗެއަރޕާސަން މުހައްމަދު ނަޝީދުގެ އިސްނެންގެވުމަކަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ފޯރަމް ފެއްޓުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ، އިންވެސްޓްމަންޓް ފޯރަމްގެ ބޭނުމަކީ، ރަށްރަށުން އެކިއެކި ބޭނުމަށް މާލެ އަށް އަންނަ ރައްޔިތުން އެދޭފަދަ ދިރިއުޅުމެއް، އެ ރަށްރަށުން ހޯދައިދީ ރަށްރަށުގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުން ކަމަށެވެ. ކައުންސިލްތަކުން ޕްރޮޖެކްޓްތައް އުފެއްދުމުގެ ބޭނުން، އަދި އެ މީހުން ޕްރޮޖެކްޓުތައް ތަންފީޒުކުރުމުގެ ބޭނުން އިންތިހާ އަށް ބޮޑު ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

 

މި ފޯރަމްގައި ރާއްޖޭގެ 32 ރަށަކުން ޖުމްލަ 76 ޕްރޮޕޯސަލް ހުށަހަޅާފައިވާއިރު، މިއީ 300 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމަންޓް ފުރުސަތުތަކެއް ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ. އެގޮތުން ކައުންސިލްތަކުން ހުށަހަޅާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ޕޯލްޓަރީ ފާމްތަކާއި، ޑޭ-ކެއަރ ސެންޓަރުތަކުގެ އިތުރުން، ކުޅި ފަދަ ތަންތަން ހިމާޔަތްކުރުމުގެ މަސައްކަތްތަކާއި ވިޔަފާރި އުސޫލުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިމެނޭހެން ތަފާތު އެކި ދާއިރާތަކުގެ މަސައްކަތްތައް ހިމެނެ އެވެ.