ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ގްރައުންޑް ފްލޯގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ތަނުގައި ހުރި ތަކެއްޗަށާއި އިމާރާތުގެ ފެން ހޮޅިއަކަށް ގެއްލުންވި ކަމަށް ފުލުހުން ބުނެފި އެވެ. 

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ، ހުޅުމާލެ ފޭސް 2، އުދަރެސް ޓަވަރު 5 ގެ ގްރައުންޑް ފްލޯގައި ހަދަމުންދާ ފިހާރައެއްގެ ގުދަނުގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު 2026 އޮކްޓޫބަރު 2 ވަނަ ދުވަހުގެ އިރުއޮއްސި 06:40 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. 

ރޯވި އަލިފާން، ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ނިއްވާލާފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އެހެން ނަމަވެސް އެ ތަނުގައި ހުރި ތަކެއްޗަށާއި އިމާރާތުގެ ފެން ހޮޅިއަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

މިކަމާ ގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑުން ބުނީ، މި ހާދިސާގައި ޓަވަރުގެ ބައެއް ފެންހޮޅިތަކަށް ގެއްލުން ލިބިފައިވާތީ، އެ ހޮޅިތައް މަރާމާތުކުރުމުގެ މަސައްކަތް އެފްޑީސީގެ ޓީމުން ކުރަމުންދާ ކަމަށެވެ.

އެހެންކަމުން، މަރާމާތުގެ މަސައްކަތް ނިމެންދެން އެ ޓަވަރުގެ ބައެއް ޔުނިޓުތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި މަސައްކަތް ނިމުމުން ޚިދުމަތް އަލުން ގާއިމުކުރެވޭނެ ކަމަށް ވެސް އެފްޑީސީ އިން ވަނީ ބުނެފަ އެވެ. 

އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތަކު ރާއްޖެއެމްވީއަށް މައުލޫމާތު ދިން ގޮތުގައި އަލިފާން ރޯވެފައި ހުރީ ތިރީގައި ހުރި ކުނި ތަކެއްގަ އެވެ. އަދި އަލިފާން ރޯވުމުގެ ސަބަބުން 17 ވަނަ ފްލޯރ އިން މީހުން ފައިބަން ޖެހުނީ ސިޑިން ކަމަށް ވެސް އެފަރާތުން މައުލޫމާތު ދިނެވެ. 

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.