ރަސްމާލޭ މަޝްރޫއުގެ ދިފާއުގައި މުޅި ސަރުކާރު ތެދުވެފައިވާއިރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހަނު ހުންނެވުމުން ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ މެދުގައި ސުވާލު އުފެދިއްޖެ އެވެ. 

އިތުބާރުހުރި މަސްދަރަކުން ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އޮފީހުން ވަނީ ސަރުކާރުގެ އިސް މަގާމުތަކާއި، ސިޔާސީ މަގާމުތަކުގައި ހުންނެވި ފަރާތްތަކަށް ރަސްމާލެ މަޝްރޫއު ދިފާއު ކުރުމަށް އަންގާފައި އެވެ. 

ނަމަވެސް ރައީސް އޮފީހުން މިފަދައިން އަންގާފައިވާއިރު، އިކޮނޮމިކް މިނިސްޓަރު ސައީދު ހަނު ހުންނެވުމުން އާންމުންގެ މެދުގައި ވަނީ ގިނަ ސުވާލުތަކެއް އުފެދިފައި އެވެ. ސަބަބަކީ އިގުތިސާދީ ގޮތުން ރާއްޖެ ކުރިއަރާނެ ކަމަށާއި ޑޮލަރުގެ ތާށި ކަން މި މަޝްރޫއުގެ ސަބަބުން ހައްލުވެގެން ދާނެ ކަމަށް ބުނެ ސަރުކާރުން މި މަޝްރޫއު ދިފާއު ކުރަމުންދާއިރު، އިގުތިސާދީ ވަޒީރު ހަނު ހުންނެވުމެވެ. 

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައި އެވެ. އަދި މި އެއްބަސްވުމުގެ ދަށުން ރަސްމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ބައިނަލްއަޤްވާމީ ފެންވަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެކެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގާ ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫއުކަމަށް ސަރުކާރުން މައުލޫމާތު ދިން ނަމަވެސް މި މަޝްރޫއުއާ މެދު ގިނަ ކަންބޮޑުވުންތަކެއް އާންމު ރައްޔިތުން އަންނަނީ ފާޅުކުރަމުންނެވެ.

ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުން ވެލިފުކެއްގެ މިންވަރު ވެސް ބޭރުގެ އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް، އެ ބިން ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް  ދޭން ނިންމާފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ރަސްމާލެ ތަރައްޤީކުރުމަށް އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ "ކޮމާޝަލް ޓަރމްސް އެގްރީމަންޓް" ގެ ޞައްޙަކަމާ މެދު ސުވާލު އުފައްދައި، އާންމު މަޞްލަޙަތާ ގުޅުންހުރި ދުސްތޫރީ މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފައިވެ އެވެ.