ރާއްޖެއިން ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ރާއްޖެއިން ދޭ ހިދުމަތަށް ޓެކްސް ނަގަން ނިންމި ނިންމުމާއި ގުޅިގެން އިޓަލީގެ މަގުބޫލު ޓުއަރ އޮޕަރޭޓަރެއް ކަމަށްވާ "ކިއާ އޯރާ ވިއާޖީ" އިން ރާއްޖެއަށް އައު ބުކިންތައް ނެގުމާއި ދަތުރުތައް ވިއްކުން މެދުކަނޑާލައިފި އެވެ.

މިކަން ހާމަކޮށްފައިވަނީ އެ ކުންފުނީގެ ރަސްމީ ވެބްސައިޓްގައި އާންމު ކުރި ނޫސް ބަޔާނެއްގަ އެވެ. 

އެގޮތުން، އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ދިވެހިރާއްޖޭގެ ދަތުރުތައް ވިއްކުމާއި އައު ބުކިންތައް ބަލައިގަތުން މެދުކަނޑާލުމަށް ކިއާ އޯރާ ވިއާޖީ އިން ނިންމާފައިވާ ކަމަށް މައުލޫމާތު ދީފައިވެ އެވެ. އަދި މި ނިންމުމަކީ ދިވެހި ސަރުކާރުން އަލަށް ތައާރަފުކުރި ޓެކްސްގެ އުސޫލާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ވަރަށް ބޮޑަށް ވިސްނުމަށްފަހު ނިންމާފައިވާ ނިންމުމެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. 

ރާއްޖޭގެ ފަތުރުވެރިކަމުގެ ޖީއެސްޓީ ބޭރުގެ ޓުއަރ އޮޕަރޭޓަރުންނަށް ފުޅާ ކުރުމަކީ ގާނޫނީ ބިންގަލެއް ނެތް ޓެކްސެއް ގޮތުގައި އެ ކުންފުނިން ވަނީ ސިފަކޮށްފަ އެވެ. 

ދިވެހި ސަރުކާރުން ކަނޑައަޅާފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ އޮކްޓޫބަރު 1 އިން ފެށިގެން، ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ އިޓަލީގެ ވީއޭޓީއާ އެއްފަދައިން މިހާރު 17 އިންސައްތަ ރާއްޖޭގެ ރިސޯޓުތަކާއި ހޮޓާތައް ވިއްކާ ބޭރުގެ ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުންގެ ފައިދާގެ މައްޗަށް ވެސް ހިނގާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، މި ޓެކްސް ދެއްކުމާއި ހިސާބުތައް ބެލެހެއްޓުމަށްޓަކައި ބޭރުގެ އެޖެންސީތަކުން ރާއްޖޭގެ ޓެކްސް އިދާރާ (މީރާ) ގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށް ކަނޑައެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ. ސަބަބަކީ ބޭރުގެ ކުންފުނިތަކުގެ މައްޗަށް ޓެކްސް ދެއްކުމާއި ހިސާބު ބެލެހެއްޓުން ލާޒިމުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި، ގައުމެއްގެ ސަރުކާރަކަށް، އެ ގައުމުގެ ބޯޑަރުން ބޭރުގައި ގާނޫނީ ގޮތުން ހަރަކާތްތެރިވާ ކުންފުނިތަކުގެ މައްޗަށް ޓެކްސްގެ އުސޫލުތައް ހިންގުމުގެ ގާނޫނީ ބާރެއް ނޯންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. 

އަދި އެ ކުންފުނީގެ ކޮންސަލްޓަންސީ، ދަތުރުތައް ފަރުމާކުރުން، ވިއްކުން އަދި ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުރިހާ މަސައްކަތެއް ހިނގަނީ އިޓަލީގައި ކަމަށާއި އިޓަލީގައި މިހާރު އަމަލުކުރާ ގަވާއިދުތަކުގެ ދަށުން، ވިލާތުގެ އިއްތިހާދުން ބޭރުގެ މަންޒިލްތަކަށް ދަތުރުތައް ރޭވުމުގެ މަސައްކަތް އިޓަލީގައި ކުރާނަމަ، އެއީ ބޭރު ގައުމަކަށް ޓެކްސް ދައްކަންޖެހޭނެ ކަމެއް ނޫނެވެ. 

ހަމައެއާއެކު، ރިސޯޓުތަކާއި، ދަތުރުފަތުރާއި، ރާއްޖޭގައި ދެވޭ ހުރިހާ ހިދުމަތްތަކަކުން މިހާރު ވެސް ގަވާއިދުން ޖީއެސްޓީ އާއި ގްރީން ޓެކްސް ދައްކަމުންދާ ކަަމަށް ބުނެފައިވެ އެވެ. އިޓަލީގައި ކުރާ މަސައްކަތުން އުފެދޭ އިތުރު އަގުގެ މައްޗަށް ޓެކްސް ނެގުމަކީ، ރާއްޖެއާ އެއްވެސް ގުޅުމެއް ނެތް ކޮންސަލްޓަންސީ މަސައްކަތަކުން ނަހަމަ ގޮތުގައި ޓެކްސް ނެގުމުގެ ގޮތުގައި އެކުންފުނިން ވަނީ ސިފަކޮށްފަ އެވެ. 

މިކަން ނުކޮށް ރާއްޖޭގެ ޖީއެސްޓީ ބޮޑުކުރުން މާރަނގަޅުކަން ފާހަގަކޮށް، އެ ކުންފުނިން ބުނީ ރާއްޖޭގައި ބުކިންތައް ނެގުމާއި ދަތުރުވިއްކުން ހުއްޓާލީ މިކަމާއި ދެކޮޅަށް އިހުތިޖާޖު ކުރުމަށް ކަމަށެެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ފަތުރުވެރިކަމެއް ބިނާވެފައި އޮންނަންވާނީ އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި، އިންސާފުވެރިކަމާއި، އަދި ރައްކާތެރި ޗުއްޓީއެއް ކަށަވަރުކޮށްދިނުމަށް ކޮންމެ ދުވަހަކު މަސައްކަތްކުރާ ވިޔަފާރިތަކުގެ ހައްގުތައް ހިމާޔަތްކުރުމުގެ މައްޗަށް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް، ނުވަތަ ޖީއެސްޓީއަށް ގެންނަން ނިންމާފައިވާ ބަދަލުތަކާ ގުޅިގެން، އިންޑިއާގެ ޓުއަރ އޮޕަރޭޓަރުންގެ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ އިންޑިއަން އެސޯސިއޭޝަން އޮފް ޓުއަރ އޮޕަރޭޓާސް (އައިއޭޓީއޯ) އަދި ރަޝިއަން ޔޫނިއަން އޮފް ޓްރެވަލް އިންޑަސްޓްރީ (އާރްއެސްޓީ) އިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.