މިހާރު ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަންނަވާ ކަންކަން ނުވާނެ ކަމަށް ގަބޫލު ކުރާ ކަމަށް ފުނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ވައުދުނާމާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ރައީސް މުއިއްޒު ކަމެއް ކުރައްވަން ވިދާޅުވެއްޖެ ނަމަ އެކަމެއް ވަނީ އިދިކޮޅަށް ކަމަށެވެ. އަދި މިކަން މިއަދު ދިވެހިރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު ވަނީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފުނަދޫގައި ފަށާފައިވާ ކަންކަން ބޮޑު ބައެއް ނިމިފައިވާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ފެނުގެ ނިޒާމު، ނަރުދަމާގެ އެކްސްޓެންޝަން، ފެރީ ޓާރމިނަލް، ހޮސްޕިޓަލް އައު އިމާރާތް، ފުޓްބޯޅަ ދަނޑުގެ އިތުރުން މިސްކިތެއް ބިނާ ކުރުމަކީ ރައީސް ސޯލިހުގެ ސަރުކާރުގައި ފުނަދޫގައި ފަށާފައިވާ ކަންކަމަށް ޝާހިދު ވިދާޅުވި އެވެ. މީގެ ތެރެއިން ގިނަ މަޝްރޫއުތައް ހުންނާނީ ނިމުމަކާއި ގާތަށް ގޮސްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމައެއާއެކު ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލުކުރަނީ ސަރުކާރުތަކުން ރަށްރަށުގައި މަޝްރޫއުތައް ހިންގަނީ ސިޔާސީ ވިސްނުމާއި ފިކުރަށް ބަލައިގެން ކަމަށް ނަމަވެސް އެމްޑީޕީގެ ވިސްނުމަކީ އެޔެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި އެމްޑީޕީ ސަރުކާރެއްގައި ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި އެރަށަކަށް ގެނެސް ދޭން ޖެހޭ ތަރައްގީ ގެނެސްދީފައިވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. 

އެގޮތުން، ކުރީގެ ސަރުކާރުތަކުން ފަށާފައި ނުނިމި ހުރި މަޝްރޫއުތައް ވެސް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ނިންމާފައިވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. 

މިސާލަކަށް ބައްލަވާ ފުނަދޫ އެއަރޕޯޓުގެ މަޝްރޫއު އޭރު އޮތް މި ދެންނެވީ 2013 ގައި އުފެދުނު ސަރުކާރު ނިމުމަކާއި ހަމައަށް އައިސް އެމްޑީޕީގެ ސަރުކާރު 2023 ގައި ފެށުނީމަ އަޅުގަނޑުމެން ކުރީގެ ސަރުކާރުން ފަށާފައި އޮތް ޕްރޮޖެކްޓްއެކޭ ހިތާ އެކަން ހުއްޓުމެއް ނެތި ބާރު ސްޕީޑްގައި ގޮސް ނިންމާލިން
މުހައްމަދު ޝާހިދު

އެމްޑީޕީ ސަރުކާރުގައި މިފަދައިން ރައްޔިތުންނަށް ކަންކަން ކޮށްދެމުން އައުމުން ރައްޔިތުން ގަބޫލު ކުރީ ރައީސުލްޖުމްހޫރިއްޔާއަށް އަންނަ ބޭފުޅަކު ވިދާޅުވާ ކަންކަމަކީ ތެދު ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު އާ ޖެހުނީމަ މިކަން ބަދަލުވެފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. 

މިހާރު އަޅުގަނޑުމެންގެ ދާއިރާގެ އަދި ރާއްޖޭގެ އެންމެ ރައްޔިތުން ވެސް ގަބޫލު ކުރަނީ ރައީސް މުއިއްޒު ވިދާޅުވެއްޖެތަ ނުވާނެ، ރައީސް މުއިއްޒު ވަކި ގޮތަކަށް ވިދާޅުވެއްޖެތަ އެނޫން ގޮތެއް އޭގެ އަނެއްކޮޅު އިދިކީލި 
މުހައްމަދު ޝާހިދު

މީގެ އިތުރުން، ކުރީ ސަރުކާރުންނާއި މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުދާތީ ޝާހިދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.