ދ. މީދޫގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށްފަހު ހުއްޓިފައިވާތީ އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވަނީ މި މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމުން ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.
ޝާހިދު ފާހަގަކުރެއްވި ގޮތުގައި މީދޫގެ ޚާއްސަ މަގުތަކެއްގައި ތާރުއަޅައި ފެންވަރު ރަނގަޅުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިޚާބުގެ ތެރޭގައި އެ ރަށުގެ ރައްޔިތުންނަށް ވައުދުވެވަޑައިގެންފަ އެވެ. އަދި ރަށުގެ ހިއްކާފައިވާ ސަރަހައްދާ ވެސް ގުޅުވާލައިގެން، އަލަށް ދިރިއުޅުން ބަދަލުކުރާ ފަރާތްތަކަށް ފަސޭހަވާނެހެން މަގުތައް ތަރުތީބުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ވެރިކަމަށް ތިން އަހަރު ފުރިގެންދާއިރު މަގުތަކުގައި ބަހައްޓާފައިވަނީ ހަމައެކަނި މަދު ޖަންކްޝަންތަކެއް ކަމަށާއި އިތުރު އެއްވެސް މަސައްކަތެއް ކުރިއަށްނުދާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ޖަންގްޝަންތައް ބަހައްޓާފައިވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ވޯޓު ހޯދުމުގެ މަގުސަދުގައި ކަމަށެވެ.
އެގޮތުން އެ މަސައްކަތް ކުރީ ވަރަށް އަވަސްއަރުވާލައިގެން، ފަންނީ މީހުން ބޭނުންނުކޮށް ކަމަށް ޝާހިދު ވިދާޅުވި އެވެ. މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މަގުހަދަން ޖެހޭނީ އެ ޖަންކްޝަންތައް ނަގައި އަލުން ލެވެލްކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން، ރޯޑް ކޯޕަރޭޝަނަށް ފުދޭވަރަކަށް މުވައްޒަފުން ނަގާފައި ތިބި ނަމަވެސް، މި ސަރުކާރުގައި ކަންކަން ނިންމައި ތަރުތީބުކުރުމުގެ ވިސްނުމާއި ގާބިލުކަން ނެތް ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މިއީ ހަމައެކަނި މީދޫއަށް ދިމާވެގެން އުޅޭ މައްސަލައެއް ނޫން ކަމަށާއި، ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް މަގުތައް ކޮނުމަށްފަހު މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.