ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝައްމާން ވަހީދުގެ މައްޗަށް ކުށް ސާބިތުވެ، 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް، ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ޝައްމާންގެ މައްޗަށް ކުރި ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް، އެ މައްސަލަތައް ހައިކޯޓަށް ބަލައިގަތް ކަމެއް އަދި ސާފެއް ނުވެ އެވެ. 

ޝައްމާން 25 އަހަރަށް ޖަލަށްލާން ހުކުމް ހުރީ 9 ޖޫން 2026 ގަ އެވެ.

އޭނާގެ މައްޗަށް ތިން ދައުވާ އެއް ދައުލަތުން އުފުލާފައިވެ އެވެ. އެއީ ފޭރުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑަރިންގ ކުށުގެ ދައުވާ އެވެ. 

ފޭރުމުގެ ކުށުގެ ދައުވާގައި އިއްވީ 8 އަހަރުގެ ޖަލު ހުކުމެކެވެ. ނަމަވެސް ބަންދުގައި ހުރި މުއްދަތު އުނިކުރުމުން ތަންފީޒު ކުރަންޖެހެނީ 7 އަހަރާއި، 2 މަހާއި 20 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ފޭރުމުގެ ކުށާ ގުޅިގެން ގެއްލުންވި މީހާއަށް 5 ލައްކަ ރުފިޔާ 3 މަސްތެރޭ ދެއްކުމަށް ވެސް ހުކުމްކޮށްފައިވެ އެވެ.

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން އިއްވީ 2 އަހަރުގެ ހުކުމެކެވެ.

މަނީ ލޯންޑަރިންގގެ ދައުވާގައި 15 އަހަރުގެ ހުކުމެއް އިއްވައި، 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.

މި މައްސަލައިގައި ވަނީ މަނީ ލޯންޑްރިންގެ ދައުވާގައި ޝައްމާން ލޯންޑާރ ކުރިކަމުގެ ތުހުމަތުވާ ފައިސާގެ ތެރެއިން އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 250،000 ރުފިޔާ ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ. އަދި ޝައްމާންގެ އަތުގައި ބެހެއްޓި ކަމަށް ބުނާ 400،000 ރުފިޔާގެ ބާކީއަށްވާ 150،000 ރުފިޔާގެ ބަދަލުގައި އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފައިސާތަކުގެ ތެރެއިން އެ އަދަދަށްވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ވަނީ އެދިފަ އެވެ. އެހެންކަމުން އެ އަމުރު ވެސް ގާޒީ ވަނީ ނެރެދެއްވާފަ އެވެ.

މީގެ އިތުރުން މި މައްސަލައިގައި ޝައްމާންގެ އާއިލާއިން ކުރިން ބުނެފައި ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ބިރަށް ކަމަށާއި، މިއީ ސިޔާސީ އަދި ޒާތީ ކަމެއް ކަމަށެވެ. އާއިލާއިން މިފަދަ ތުހުމަތުތަކެއް ކޮށްފައިވާއިރު، ބައެއް ސިޔާސީ ފަރާތްތަކުން ވެސް ވަނީ ޝައްމާންގެ މައްޗަށް ކުރި ހުކުމަކީ ކުށާ ނުބައްދަލު ބޭއިންސާފު، ސިޔާސީ ހުކުމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.