ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއަރައިގެން ދަނީ ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ތަނެއް ދޮރެއް ނޭނގި، ދުނިޔެ ހިނގާ މަގު އޮޅުންނުފިލާތީ ކަމަށާއި، "ގަމާރުން" ވެރިކަމުގައި ބަހައްޓަން ޖެހުނީމައި ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވަރުގަދަ ރައްދުތަކެއް ރައީސް މުއިއްޒަށް އަމާޒުކުރައްވައިފި އެވެ. 

އެމްޑީޕީގެ 5 ވަނަ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިހާރުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުން ފެންނަނީ ބައިނަލްއަޤްވާމީ ގުޅުންތައް ބާއްވަންވީ ގޮތް އެއްގޮތަކަށްވެސް ސާފުނުވާ މަންޒަރު ކަމަށެވެ. އެގޮތުން، ދުނިޔެ ހިނގާ މަގާއި ސިޔާސީ މަސްރަހު ހިނގާ ގޮތް ވެރިންނަށް އެއްވެސް ވަރަކަށް އޮޅުންފިލައިފައި ނުވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން އަމަލުކުރަމުންދަނީ  އެއްވެސް ހަމައެއްލަމައެއް ނެތި ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އީރާނު ކައިރީގައި ރަނގަޅަށް ޔޫއޭއީ ބޮން އަޅަން ރަނގަޅަށް އިލްތިމާސް ކުރާނެ. އަނެއް ދުވަހު އަނެއްކާ ޔޫއޭއީ ވަޑައިގެން ހުންނަވާ ފައިސާގެ ވާހަކަ ދައްކަވާނެ. ތުރުކީވިލާތަށް ގޮސް ޑްރޯން ގަންނާނެ. ހަމަ އެ ދަތުރުގައި ސައުދީ އަރަބިއްޔާ އަށް ވަޑައިގަންނަވާނެ. ޗައިނާއަށް ދާނެ ހަމަ އެ ދަތުރުގައި އިންޑިއާ އަށް ދާނެ. އެއްގޮތަކަށް ވެސް މި ދުނިޔެ ހިނގާ މަގު ހިނގާ ގޮތް މި ބޭފުޅުންނަކަށް އޮޅުމެއް ނުފިލާ
ރައީސް ނަޝީދު

މީގެއިތުރުން، މިފަދަ ބޭފުޅުންގެ އަތްމަތީގައި ރާއްޖޭގެ ވެރިކަން ބާއްވަން ހެޔޮނުވާނެ ކަމަށް ވިދާޅުވަމުން ރައީސް ނަޝީދު ފާހަގަކުރެއްވީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލެނީ ރާއްޖޭގައި ބޭރުގެ ވިޔަފާރިވެރިންނަށް ވިޔަފާރި ކުރުމުގެ ހުއްދަ ދީގެން ނުވަތަ ބޭރު މީހުން މިތަނުގައި ދިރިއުޅުމުގެ ހުއްދަ ދީގެން ނޫން ކަމަށެވެ.

އަޅުގަނޑުމެންގެ އިސްތިޤްލާލު، އަޅުގަނޑުމެންގެ މިނިވަންކަމަށް ބުރޫއަރާ ދާނީ އަޅުގަނޑުމެންގެ ވެރިންނަށް ތަނެއް ދޮރެއް ނޭނގުނީމާ. މިތިބަ ގަމާރުން އަޅުގަނޑުމެންގެ ތެރޭގައި ވެރިކަމުގައި ބަހައްޓަން ޖެހުނީމަ
ރައީސް ނަޝީދު

އެހެންކަމުން، ޤައުމުގެ މިނިވަންކަން ގެއްލިގެން ދަނީ ދުނިޔޭގެ މަސްރަހު ނޭނގޭ ވެރިންތަކެއް ޤައުމުގެ ހުންގާނުގައި ތިބުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.