ވ. ފޮއްތެޔޮ ފަޅުގެ އެއްބަސްވުމުގެ ދަށުން ސަރުކާރަށް 43 މިލިއަން ޑޮލަރު ވަދެފައިވާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހުގެރޭ އޮތް އެމްޑީޕީ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ރައީސް މުއިއްޒުގެ ސަރުކާރުގެ ވަޒީރަކު ދެއްކެވި ވާހަކައަށް ރައްދު ދެއްވާފަ އެވެ. އެގޮތުން ވ. ފޮއްތެޔޮ ފަޅު ހިލޭ ދީފައިވާކަމަށް ދެކެވޭ ވާހަކަ ދޮގު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ސަރުކާރަށް 43 މިލިއަން ޑޮލަރު ވަދެފައިވާނެ ކަމަށެވެ. 

މީގެއިތުރުން އެ އެއްބަސްވުމުގެ ދަށުން އެ ފަޅުގައި ޑޮމެސްޓިކް އެއަރޕޯޓްއެއް އެޅުމަށްޓަަކައި، އެފަރާތުގެ ފައިސާއިން ބިން ހިއްކައި އެއަރޕޯޓް އެޅުމަށް ހަވާލުކޮށްފައިވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. 

އެއް ބޭނުމަކީ ދަތުރުފަތުރުގެ ނިޒާމުން އަޅުގަނޑުމެން މި ގުޅުވާލާ ގުޅުވުމުގެ އެއް ބޮޅަށް އެތަން ހެދުން. ވާވު އަތޮޅުގައި އަޅާ އެ އެއަރޕޯޓް އެޅުމުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެއަރޕޯޓެއް އެޅާ ނިމޭނެ. އެތަނަށް ޑޮމޭސްޓިކް ފްލައިޓް ޖެއްސޭނެ 
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ވަނީ ކިތަންމެ ބައިވަރު ވައުދުތަކެއް ވެސް ވެވިދާނެ ކަމަށާއި، ތަރައްޤީ މިންކުރާއިރު ބަލަން ޖެހޭނީ އެ ޕްރޮޖެކްޓަކުން ރައްޔިތުންނަށް ވަނީ ކޮން ފައިދާއެއްތޯ އަދި ގައުމަށް އޭގަން ވަނީ ކީއްތޯ ކަމަށް ވިދާޅުވެފަ އެވެ. 

ހަމައެއާއެކު، ގައުމީ ބޮޑެތި މައްސަލަތަކަކީ ސިޔާސީ ޝިޔާރަކުން ހައްލު ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި މިކަމަށް ބޭނުންވަނީ ޒިންމާދާރު ލީޑަރޝިޕެއް ކަމަށާއި، އިތުބާރު ކުރެވޭ އިގުތިސާދީ ސިޔާސަތުތަކެއްގެ އިތުރުން ގައުމީ މަސްލަހަތުތަކަށްޓަކައި އެއްބާރުލުން ދޭނެ ލީޑަރުންތަކެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. 

މީގެ އިތުރުން، ގައުމު މިއޮތް ހާލަތުން އަރައިގަތުމަށްޓަކައި އެންމެ ފުރަތަމަ ވެސް ކުރަން ޖެހޭ ކަމަކީ މިސަރުކާރު ބަދަލުކޮށް އެމްޑީޕީގެ ވެރިކަމެއް މި ރާއްޖޭގައި ގާއިމުކުރުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.