ދިވެހިރާއްޖެއަށް މިއަދު އައިސްފައިވާ ޒަމާނީ ތަރައްޤީ އާއި އިގުތިސާދީ ތަނަވަސްކަމުގެ އަސްލަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަމަށާއި، މިހާރު އޮތް ސަރުކާރު ބަދަލުކޮށް ގައުމަށް އަނެއްކާޗވެސް ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ 5 ވަނަ ކޮންގްރެސްގެ ހުޅުވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި އެންމެ ދުވަސްވީ އަދި ގައުމުގެ މިސްރާބު ބަދަލުކޮށްލި މައި ޕާޓީ ކަމަށެވެ. އެގޮތުން ރާއްޖެއަށް ޒަމާނީ ޓެކްސްގެ ނިޒާމު ތައާރަފުކުރީ އެމްޑީޕީގެ ވެރިކަމުގައިކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، 2008 ވަނަ އަހަރު ދައުލަތުގެ އަހަރީ އާމްދަނީ 7 ބިލިއަން ރުފިޔާގައި އޮތް ނަމަވެސް، އެ ނިޒާމުގެ ހެޔޮ ނަތީޖާއާއެކު މިއަދު ދައުލަތުގެ އާމްދަނީ 40 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށެވެ.

މީގެއިތުރުން، ރާއްޖޭގައި އިޖުތިމާއީ ރައްކާތެރިކަމުގެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ދޮށީ އުމުރުގެ މީހުންނަށް ޕެންޝަން ދިނުމާއި، އެކަނިވެރި މައިންނާއި ޔަތީމު ކުދިންނަށް މާލީ އިނާޔަތް ދިނުމާއި، ދަރިވަރުންނަށް ފޮތްފަންސޫރު ހިލޭ ފޯރުކޮށްދިނުމުގެ އިތުރުން 'އާސަންދަ' ނިޒާމުގެ ތެރެއިން ހިލޭ ބޭސްފަރުވާ ކުރުމާއި ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނީ އެމްޑީޕީން ކަމަށް ވިދާޅުވި އެވެ. އަދި ކޮވިޑްގެ ނުރައްކާތެރި ހާލަތުން ދިވެހީން ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދިނުމާއި، އާރްޓީއެލް ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅާލުމާއި، ލާމަރުކަޒީ ނިޒާމު ހަގީގަތަކަށް ހެދުމުގެ އިތުރުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ވެސް އެމްޑީޕީގެ ސަރުކާރުތަކުން ކޮށްދީފައިވާ ބޮޑެތި ޚިދުމަތްތައް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. 

އުމްރާނީ ތަރައްގީއާއި ބޯހިޔާވަހިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތުތަކުގެ ދަށުން އެތައް ހާސް ރައްޔިތުންނަކަށް ފްލެޓާއި ގޯތި ހޯދައިދެވިފައިވާ ކަމަށެވެ. އަދި ރަށްރަށުގެ އެއްގަމު ތޮއްޓާއި، ބަނދަރުތަކާއި، ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމުގެ އިތުރުން ސްކޫލް އިމާރާތްތަކާއި، މަލްޓިޕާޕަސް ހޯލްތަކާއި، ފުޓްސަލް ދަނޑުތަކާއި، ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް އަދި ޒަމާނީ ފެންވަރަށް މަގުތައް ހެދުމަކީ އެމްޑީޕީން މި ރާއްޖެއަށް ގެނެސްދިން ބޮޑު ތަރައްގީ ކަމަށް ވިދާޅުވި އެވެ.

އަދި މިފަހަރުގެ ކޮންގްރެސްގެ ތެރެއިން ކައުންސިލްތަކަށް ޚާއްސަކޮށްގެން ބާއްވާ އިންވެސްޓްމެންޓް ފޯރަމްގައި ރަށްރަށަށް އާމްދަނީ ލިބޭނެ 78 ޕްރޮޖެކްޓެއް ހުށަހެޅިގެންދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، މި ސަރުކާރުން ހަމައެކަނި ކުރާ ކަމަކީ ރައްޔިތުންނަށް ދޮގުހެދުމާއި މަކަރުހެދުން ކަމަށެވެ. އަދި ދައުލަތުގެ ރިޒާވުގައި ހުރި ޑޮލަރުތައް އެކި ގޮތްގޮތަށް ނަގައިގެން ދަރަނި ދެއްކުމުގެ ސަބަބުން ރަށްރަށުގައި ޑޮލަރު ނެތި، އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

މުއިއްޒު ބަދަލުކުރާނަން، މި ސަރުކާރު ބަދަލުކުރާނަން، އެމްޑީޕީން ނުކުމެ މި ސަރުކާރު ބަދަލުކޮށް، ދިވެހިރާއްޖެ އަނެއްކާ ވެސް ހަމަމަގަށް އަޅުވައި ހެޔޮ މިސްރާބަކަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޕާޓީގެ މެންބަރުންނަށާއި ރައްޔިތުންނަށް ދެން
ރައީސް މުހައްމަދު ނަޝީދު

މީގެއިތުރުން 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު 19 ގައި އީވާން ނަސީމް މާފުށީ ޖަލުގައި މަރާލި ހާދިސާއަކީ ރާއްޖޭގެ އިސްލާހީ ހަރަކާތް ފެށި، ގައުމު ބަދަލުވާން ދިމާވި މުހިންމު ތާރީޚީ ދުވަހެއްކަން އެމަނިކުފާނު ހަނދާން އައުކުރެއްވި އެވެ.