އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަސް ވަނަ ކޮންގްރެސް ފަށައިފި އެވެ. 

އެމްޑީޕީގެ ކޮންގްރެސް ބުރާސްފަތި ދުވަހުގެރޭ ފަށާފައިވާއިރު މި ކޮންގްރެސް ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ރޭ އޮންނަ ފެށުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވާހަކަފުޅު ދައްކަވާނެ އެވެ. 

ކޮންގްރެެސްގެ ދެ ވަނަ ދުވަސް ކަމަށްވާ ހުކުރު ދުވަހުގެ މެންދުރު ފަހު އޮތީ އިންވެސްޓްމަންޓް ފޯރަމް އެވެ. އެ ދުވަހު އެއްކޮށް އިންވެސްޓްމަންޓް ފޯރަމްއާ ގުޅޭ ކަންކަން ކުރިއަށް ގެންދިޔުމަށް ފަހު، ހޮނިހިރު ދުވަހު އޮތީ ކޮންގްރެސްގެ ރިޕޯޓު ހުށަހެޅުމުގެ އިތުރުން، އެމްޑީޕީގެ އެޕްލިކޭޝަން ލޯންޗުކުރުމެވެ. 

މީގެ އިތުރުން ޕާޓީގެ އަސާސީ ޤަވާއިދަށް އިސްލާހު ގެނައުމާއި، ސިޔާސަތު ކަރުދާހުގެ ގޮތުގައި ބޮޑު ބަދަލު ގަރާރު ހުށަހަޅައި، އެ ގަރާރަށް ބަހުސް ކުރުން ވެސް އެ ދުވަހު އޮންނާނެ އެވެ. މީގެ އިތުރުން ލާމަރުކަޒީ ގަރާރެއް ވެސް ކޮންގްރެސްގައި ހުށަހަޅާނެ އެވެ. އެއަށް ފަހު އަސާސީ ގަވާއިދަށް ހުށަހެޅުނު އިސްލާހުތަކަށް ވޯޓަށް އެހުން އޮންނާނެ އެވެ. 

ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހުގެރޭ އޮންނައިރު، އެ ރަސްމިއްޔާތުގައި ޕާޓީގެ އިސްވެރިން ވާހަކަ ދައްކަވާނެ އެވެ. 

އެމްޑީޕީގެ މި ކޮންގްރެސްއާ ގުޅޭ ގޮތުން އެ ޕާޓީ އިން ބުނެފައި ވަނީ، މި ކޮންގްރެސް އަކީ ހުރިހާ ގޮތަކުން ވެސް ތަފާތު ކޮންގްރެސްއަކަށް ވާނެ ކަމަށެވެ. މި ކޮންގްރެސްގެ ތެރެއިން ޕާޓީގެ ކުރިމަގުގެ ގިނަ ކަަންތައްތަކެއް ނިންމިގެން ދާނެ ކަމަށް ވެސް އެ ޕާޓީ އިން ބުނެފައިވެ އެވެ.