ދ. މީދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކުރިއަށް ނުދާތީ އެރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. 

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ ދ. މީދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތަކީ މިހާރު އެރަށުގައި މަސައްކަތް ކުރަމުންދާ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި އެތެރެހަށީގެ ހާއްސަ ޑޮކްޓަރަށް މަސައްކަތް ކުރަން އެކަށީގެންވާ ވަސީލަތްތަކެއް ނެތް ކަމުގެ ޝަކުވާ ރައްޔިތުން ކުރުމުގެ ސަބަބުން އިއުލާނު ނުކޮށް ރާއްޖޭގައި ބަހާލި ޕްރޮޖެކްޓްތަކުގެ ތެރެއިން ޕްރޮޖެކްޓެއް ކަމަށެވެ. 

މި ޕްރޮޖެކްޓްގައި މިހާތަނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާނާފައިވާ ވަށާފާރު ތަޅާލުން ނޫން ކަމެއް ނުހިނގާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި މި އިމާރާތަކީ އެކްސްރޭ އަދި ސްކޭން ކުރެވޭނެ ވަސީލަތްތައް ގާއިމުކުރެވޭނެ އިމާރާތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގައިމުވެސް ބިލިޑިންގ ނައިސް އެ ވަސީލަތްތަކެއް މިތަަނަށް ނާންނާނެ ކަން އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް އެބަ އެނގޭ އެހެންނަމަވެސް ދޭތެރެ ދޭތެރެއިން އެބޭފުޅުން ދޭ ޔަގީން ކަމަކީ މެޝިންތައް އެބަ އާދޭ، މިވެނި އެއްޗެއް އެބަ އާދޭ، އެވަނި އެއްޗެއް އެބަ އާދޭ 
މުހައްމަދު ޝާހިދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަނީ ދ. މީދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ސަމާލް ކޮންސްޓްރަކްޝަންއާ ހަވާލުކޮށް، ފަށާފަ އެވެ. އަދި ކުރީ ސަރުކާރު ނިމުނުއިރު އިމާރާތުގެ މަސައްކަތް ނިންމާފައިވާ ކަމަށް ދ. މީދޫ ކައުންސިލްގެ ކުރީގެ ރައީސް މައުލޫމާތު ދެއްވި އެވެ. ނަމަވެސް އިމާރަތް ހުޅުވާފައިވަނީ ރައީސް މުއިއްޒުގެ ސަރުކާރުގަ އެވެ.