ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް މެދުވެރިކޮށް މި އޮކްޓޫބަރު މަހުން ފެށިގެން ކޮންމެ މަހަކު ވެސް ނަގުދު ފައިސާގެ ގޮތުގައި ގިނަވެގެން ނެގޭނީ 3،500 ޑޮލަރާ ހަމައަށް ކަމަށް އެ ބޭންކުން ކަނޑައަޅައިފި އެވެ. މިއީ ބީއެމްއެލްގެ އޭޓީއެމުން ކޮންމެ މަހަކު ޑޮލަރު ނެގޭ އަދަދު ލިމިޓުކުރި ފުރަތަމަ ފަހަރެވެ.
ބީއެމްއެލް އިން މީޑިއާއާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މަހަކު ނެގޭ އަދަދަށް މިފަދަ ބަދަލެއް ގެނައި ނަމަވެސް، އޭޓީއެމް ކާޑަކުން މީގެ ކުރިއެކޭ ވެސް އެއްގޮތަށް އެއްދުވަސްމަތިން 1،600 ޑޮލަރު ނެގޭނެ އެވެ.
އެ ބޭންކުން ބުނި ގޮތުގައި މި ބަދަލު ގެނައީ ރާއްޖޭގައި ޒަމާނީ 'ޑިޖިޓަލް-ފަސްޓް' ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. އަދި މި ނިންމުމަކީ ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އަވަސް، ރައްކާތެރި އަދި ލުއިފަސޭހަ ޑިޖިޓަލް މާލީނިޒާމެއް ކުރިއެރުވުމަށް ބީއެމްއެލް އިން ގެންގުޅޭ ދުރުރާސްތާގެ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށް ބީއެމްއެލްގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ނަގުދު ފައިސާ ބޭނުންކުރަން ނުޖެހި، ދުވަހުން ދުވަހަށް ބޭނުންވާ ބޭންކިން ހިދުމަތްތައް ފަސޭހައިން ހޯދޭނެ ޑިޖިޓަލް ވަސީލަތްތައް ގާއިމުކުރުމަށްޓަކައި ބޮޑެތި އިންވެސްޓްމަންޓުތަކެއް ކޮށްފައިވާ ކަމަށް ބީއެމްއެލް އިން ފާހަގަކުރެ އެވެ. އޭގެ ތެރޭގައި މޮބައިލް ބޭންކިން އާއި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބިލްތަކަށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ވަގުތުން ފައިސާ ޓްރާންސްފާ ކުރުމާއި އެކައުންޓުގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމުތައް ހިމެނެ އެވެ.
ހަމައެއާއެކު، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ވިޔަފާރިތަކަށް ކާޑު މެދުވެރިކޮށް އަދި ކޮންޓެކްޓް-ލެސްކޮށް ފައިސާ ދެއްކުމާއި، އެކައުންޓްތަކަށް ވަގުތުން ވަގުތަށް ފައިސާ ފޮނުވުމުގެ ހިދުމަތް ވެސް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލިބެމުންދާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.