ސަރުކާރު ރައިޓް ސައިޒް ކުރުމުގެ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު "ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް" ގެ ނަމުގައި އައު ކުންފުންޏެއް އުފައްދަވައިފި އެވެ.

ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، "ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފަ އެވެ. މިކުންފުނި އުފެއްދެވީ ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 2026/16 ޤަރާރުންނެވެ.

މިއީ ސަރުކާރުގެ މާލީ ބޭނުންތަކާއި އިސްލާމީ މާލީ ދާއިރާ ފުޅާވަމުންދާއިރު، ސަރުކާރުގެ އެހީތެރިކަމާއެކު ދެވަނަ ޙިއްޞާގެ ބާޒާރެއް ކުރިޔަށް ގެންދިޔުމަށް ޓަކައި 100 ޕަސެންޓު ސަރުކާރު ހިއްސާވާގޮތަށް އުފައްދަވާފައިވާ ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މި ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ދިވެހި ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް ކުރިއަރުވައި، މާކެޓުގެ އިތުބާރާއި ދެފުށް ފެންނަ މިންވަރު އިތުރުކުރުމާއި، ޒަމާނީ ސެކިއުރިޓީޒް އެކްސްޗޭންޖްތަކާއި ޓްރޭޑިންގ ފެސިލިޓީތައް ޤާއިމުކޮށް ހިންގުމާއި، ދައުލަތުގެ ސެކިއުރިޓީޒްއާއި އިސްލާމީ ޝަރީޢާގެ ހަމަތަކަށް ފެތޭ ސުކޫކާއި އެހެނިހެން މާލީ ވަސީލަތްތައް ނެރުމާއި، ލިސްޓުކުރުމަށާއި، މުޢާމަލާތުކުރުމުގެ މަގުފަހިކޮށްދިނުމާއި، ސެންޓްރަލް ސެކިއުރިޓީޒް ޑިޕޮސިޓަރީއާއި، ކްލިއަރިންގ އަދި ސެޓްލްމަންޓުގެ ޒަމާނީ ޕޯސްޓް-ޓްރޭޑް ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާލީ މުއައްސަސާތަކާ ގުޅިގެން ދިވެހިރާއްޖޭގައި ހަރުދަނާ އަދި ދެމެހެއްޓެނިވި މާލީ ބާޒާރެއް ބިނާކުރުން ހިމެނެ އެވެ.

ސަރުކާރުގެ ހިންގުމުގެ ޚަރަދުތައް ބޮޑުވެ، ސަރުކާރުގެ ގިނަ ކުންފުނިތަކަކީ ދަރަނި ބޮޑު ކުންފުނިތަކެއް ކަމުގައިވުމާއެކު ސަރުކާރު ހިންގުމުގެ ޚަރަދު ކުޑަކުރުމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ސަރުކާރަށް ގެންދަނީ ބާރު އަޅަމުންނެވެ.