ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ
ޖަލްސާތައް އަންނަ ހޯމަ ދުވަހު ފެށުމަށް މަޖިލީހުގެ އިދާރާއިން ތާވަލުކޮށްފި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ތިންވަނަ ދައުރުގެ
ޖަލްސާތައް އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ފަށަންޖެހެ އެވެ.

މި މަހުގެ 5 ވާ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ
މި ދައުރުގެ ފުރަތަމަ ޖަލްސާއަށް މުހިންމު ކަންތައްތަކެއް ވަނީ އެޖެންޑާކޮށްފަ އެވެ.
އެގޮތުން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު އައްޔަން
ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ މި ޖަލްސާއަށް
ވަނީ ހުށަހަޅާފަ އެވެ.

މީގެ އިތުރުން، ބައިނަލްއަޤުވާމީ މުއާހަދާއެއްގައި
ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ
ފޮނުއްވާފައިވާ މައްސަލައެއްވެސް ހޯމަ ދުވަހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
އެއީ "މައްކަތުލް މުކައްރަމާ ކޮންވެންޝަން އޮފް ދަ މެންބަރ ސްޓޭޓްސް އޮފް ދަ އޯގަނައިޒޭޝަން
އޮފް އިސްލާމިކް ކޯޕަރޭޝަން އޮން އެންޓި-ކޮރަޕްޝަން ލޯ އެންފޯސްމަންޓް ކޯޕަރޭޝަން"
މުއާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމާ ގުޅޭ މައްސަލަ އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ
މުހިންމު ބިލެއްގެ މަސައްކަތްވެސް މި ޖަލްސާގައި ކުރިއަށްދާނެ އެވެ. އެގޮތުން ކުށްކޮށްގެން
ހޯދާ މުދަލާގުޅޭ ބިލުގެ އިބްތިދާޢީ ބަހުސް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފަ
އެވެ. މި ބިލަކީ ޖިނާއީ ކުށްތައް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމާ
ގުޅޭ އުސޫލުތައް ހަރުދަނާ ކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ.

މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު
މެންބަރުން ޗުއްޓީއަށް ވަޑައިގަތީ އޮގަސްޓު މަހުގެ ފަހުކޮޅުގަ އެވެ. މި ދައުރުގެ ތެރޭގައި
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުމާއި، ބަޖެޓު ދިރާސާކޮށް ފާސްކުރުމުގެ މުހިންމު
މަސައްކަތްތައް ކުރިއަށްދާނެ އެވެ.