ހަތް މީހުންނާއެކު ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފުން އަތުލައިގަނެފި އެވެ. 

އެމްއެންޑީއެފުން ބުނީ، ކޯސްޓްގާޑުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި މަސްބޯޓު އަތުލައިގަތީ ސެޕްޓެންބަރު 30 ވަނަ ދުވަހުގެ 18:34 ހާއިރު ކަމަށާއި، ހއ.ތުރާކުނުގެ ހުޅަނގުއުތުރުން 46 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި މި ބޯޓުގައި 7 މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

މީގެ އިތުރުން 16 ސެޕްޓެންބަރު 2026 ގައި ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގާނޫނާޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފުން ހިފަހައްޓާފައިވެ އެވެ. 

މި މަސްބޯޓު އަތުލައިގަތީ ކ. ދިއްފުށީގެ އިރުން 123 ނޯޓިކަލް މޭލު ބޭރުގައި 6 މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށެވެ. 

ދޭތެރެދޭތެރެއިން ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުން ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދާ ބޯޓުތައް އަތުލައިގަނެ އެވެ. އަދި މަސްތުވާތަކެތި ހިފައިގެން ދަތުރުކުރާ ބޯޓުފަހަރުތައް ވެސް އަތުލައިގަނެފައިވެ އެވެ.