މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ލަގްޒަރީ ހައުސިން އިމާރާތް، "ނިއަމް ރެސިޑެންސް" ގެ އެޕާޓްމަންޓް ޔުނިޓުތައް އާންމުކޮށް ހުޅުވާލައިގެން ވިއްކުމަށް ނިންމައިފި އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ، "ނިއަމް ރެސިޑެންސް" އަކީ އެ ކޯޕަރޭޝަންގެ މާލީ ހާލަތު ރަނގަޅުކޮށް، ކުންފުންޏަށް މާލީ ފައިދާ ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫއެއް ކަމަށެވެ.
މި ޕްރޮޖެކްޓުގެ ތެރެއިން ތަރައްގީ ކުރެވޭ ކޮންމެ އެޕާޓްމަންޓު ޔުނިޓަކުން ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބޭނެ ގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި، ޔުނިޓުތަކުގެ އަގުތައް ކަނޑައެޅުމާއި، ޔުނިޓުތައް ވިއްކުމަށް އާންމުކޮށް ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދަ ކަމަށް ހައްޖު ކޯޕްރޭޝަނުން ބުނެ އެވެ. އަދި މި މަސައްކަތްތައް ނިމުމުން ޔުނިޓުތައް ވިއްކުމަށް އާންމުކޮށް ހުޅުވާލެވޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.
މީގެ އިތުރުން، މި މަސައްކަތްތަކުގެ ތެރެއިން މުވައްޒަފުންނަށް އެޕާޓްމަންޓުތައް ވިއްކުމަށް މިހާތަނަށް ކޮށްފައިވާ އެންމެހާ މުއާމަލާތްތައް މިހާރު ބާތިލު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.
ހުޅުމާލޭ ފޭސް-2 ގައި އިމާރާތްކުރާ މި ރެސިޑެންޝަލް އިމާރާތުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ހައްޖު ކޯޕަރޭޝަނުން ވަނީ 7 ޖެނުއަރީ 2026 ގައި އިއުލާނުކޮށްފައިވެ އެވެ.
''ނިއަމް ރެސިޑެންސް'' ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ޑިޒައިން އަދި ކޮންސަލްޓެންސީ މަސައްކަތްތައް ކުރަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިންނެވެ.