ރަސްމާލެ
މަޝްރޫއުގެ ބޮޑުބައެއް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ހަދާފައިވާ
އެއްބަސްވުމުގައި ދުބާއީގައި ސޮއިކުރުމުން ސަރުކާރުގެ ނިޔަތާމެދު ބޮޑެތި ސުވާލުތަކެއް
އުފެދޭކަމަށް ކުރީގެ މަޖިލިސް މެންބަރު އަދި ޤާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ
ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ކޮންޓްރެކްޓެއް
ނުވަތަ އެމްއޯޔޫއެއްގައި ސޮއިކުރާއިރު ސޮއިކުރާ ޤައުމު ވަރަށް މުހިއްމު ވާނެކަމަށެވެ.
ސަބަބަކީ ޕްރައިވެޓް އިންޓަނޭޝަނަލް ލޯގެ ދަށުން ބަލާއިރު އެ އެއްބަސްވުމުގެ މައްޗަށް
ހިނގާނީ އެ ޤައުމުގެ ޤާނޫނުކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ
އިތުރުން، ބިން އޮތީ ރާއްޖޭގައި ކަމަށާއި، އިންވެސްޓްކުރަނީ ވެސް ރާއްޖޭގައިކަން
ފާހަގަ ކުރައްވައި އަލީ ހުސައިން ވިދާޅުވީ، އެއްބަސްވުމުގައި ދުބާއީގައި ސޮއިކުރުމުން
ސަރުކާރުގެ ނިޔަތާމެދު ބޮޑެތި ސުވާލުތަކެއް އުފެދޭކަމަށެވެ.
ހަމައެއާއެކު،
މައްސަލައެއް ދިމާވެ އާބިޓްރޭޝަނަށް ދާ ހާލަތުގައި ވެސް ރާއްޖޭގެ ޤާނޫނު ނުހިނގާ ގޮތް
ހަދައި، ރާއްޖޭގެ ކޯޓުތަކާއި ޝަރުއީ ނިޒާމު މުޅިން އެއްފަރާތްވާ ގޮތަށް ސަރުކާރުން
ބޭރުގެ ޒަޔަނިސްޓުންނަށް ވާގިވެރިވާ މީހުންނާއެކު ރާއްޖެއިން ބޭރުގައި ސޮއިކޮށްފައިވާކަންވެސް
ޒަރިޔަންދު ފާހަގަ ކުރެއްވި އެވެ.
އޭނާ ވިދާޅުވީ
މިއީ ސަލާމަތް ނުވާނެ ވަރުގެ އެއްބަސްވުމެއް ކަމަށާއި، މިކަމާ ދެކޮޅަށް ދިވެހީން ތެދުވަންޖެހޭނެ
ކަމަށެވެ.
ރަސްމާލެ
މަޝްރޫއުގެ ދަށުން ބިން ކުއްޔަށް ދިނުމާއި ވިއްކުމާ ގުޅޭގޮތުން މި ސަރުކާރުން
ނިންމާފައިވާ ނިންމުންތަކަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ކަމަށާއި، މި
މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ޖިނާއީ ދައުވާ
ކުރަންޖެހޭ ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވި އެވެ.
މި މަޝްރޫއުގެ
ބޮޑުބައެއް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން
ވަނީ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ މި މަޝްރޫއު
ހިންގުމުގައި ބޭރުގެ ފަރާތްތަކަށް ވަރަށް ބޮޑަށް ބާރުވެރިކަން ދިނުމަކީ ޤައުމީ ސަލާމަތަށް
ނުރައްކާވެދާނެ ކަމެއް ކަމަށެވެ.