ސަރުކާރަށް މާލީ ހާލަތު މެނޭޖްކުރާކަށް ނޭނގޭ ކަމަށާއި
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ ވާހަކަތައް ދެކޮޅު
ނުޖެހޭކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ އިސްމާއީލް ޒަރިޔަންދު
ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން
ޒަރިޔަންދު ވިދާޅުވީ، ސަރުކާރުން ލޯނު ނުނަގާ ކަމަށް ބުނާއިރު މިއަހަރު ނިމޭއިރު އިތުރަށް
ދައުލަތުން 50 ބިލިއަން ރުފިޔާގެ ލޯނު ނަގާނެ ކަމަށެވެ. އެހެންކަމުން ލޯނު ނުނަގާފައި
ކޮބައިތޯ ވިދާޅުވެ އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ.
ޒަރިޔަންދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދުލުގައި
ކައްޓެއް ނެތީމާ ކޮންމެ އެއްޗެއް ވެސް ވިދާޅުވާ ކަމަށާއި، އެއްފަހަރު ވިދާޅުވާ އެއްޗެއް
ދެން ފަހަރު ދިމައެއް ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ މާލީ މުއާމަލާތްތަކާ ގުޅޭގޮތުން
ރައީސް މުއިއްޒުގެ އިތުރުން މިނިސްޓަރު މުއްތަލިބު އާއި ފިނޭންސް މިނިސްޓަރު ހަސަން
ޒަރީރު ވެސް ހައްދަވަނީ ދޮގު ކަމަށެވެ.
މާލީ ތަޖުރިބާކާރު ޒަރިޔަންދު ވަނީ ދަރަނި ނަގަންވާނީ
ކިހިނެއްކަން ވެސް ސާފުކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ އިގްތިސާދު ވަރުގަދަކޮށް އުފެއްދުންތެރިކަން
އިތުރުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ހުނަރާއި ގާބިލުކަން ރާއްޖޭގައި އެބަހުރި ކަމަށެވެ.
ޒަރިޔަންދު ވިދާޅުވީ ދަރަނި ނަގަންވާނީ އުޖާލާ
މުސްތަގުބަލެއް ބިނާކުރުމަށް ކަމަށާއި، ހަމައެކަނި މިއަދުގެ ޚަރަދުތައް ފޫބެއްދުމަށާއި
އިއްޔެގެ ދަރަނިތައް ދެއްކުމަށް ދަރަނި ނަގައިގެން ނުވާނެ ކަމަށެވެ.
ސަރުކާރުން ދަރަނި ނަގަމުންދާ މިންވަރު އިތުރުވަމުންދާއިރު
ރާއްޖޭގެ މާލީ ހާލަތާ ބެހޭގޮތުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.
ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް ވަނީ ރާއްޖޭގެ
މާލީ ހާލަތާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މާލީ ތަޖުރިބާކާރުން ވަނީ ސަރުކާރުން
މާލީ އިސްލާހުތައް ގެނައުމަށް ގޮވާލާފަ އެވެ.