މި އަހަރުގެ އޮގަސްޓު މަހު ޒަކާތުގެ އެހީގެ ގޮތުގައި 5.17 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ޒަކާތު ހައުސް އިން ބުނެފި އެވެ. 

ބުދަ ދުވަހު ޒަކާތު ހައުސް އިން ބުނީ، މި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ޒަކާތުގެ އެހީގެ ގޮތުގައި ޖުމުލަ 5,170,675.91 (ފަސް މިލިއަން އެއްލައްކަ ހަތްދިހަ ހާސް ހަސަތޭކަ ހަތްދިހަ ފަސް ރުފިޔާ ނުވަދިހަ އެއް ލާރި) ދޫކޮށްފައިވާ ކަމަށާއި، މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ބެހި 4,615,944.84 ރުފިޔާއާ އަޅާ ބަލާއިރު 12 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.

އޮގަސްޓު މަހު އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށްކަން ފާހަގަކޮށް ޒަކާތު ހައުސް އިން ބުނީ، އެއީ 2,358,675.66 ރުފިޔާ ކަމަށެވެ. މީގެ ތެރޭގައި ބޭސްފަރުވާގެ އެހީގެ ގޮތުގައި ދޫކުރި 2,316,175.66 ރުފިޔާއާއި ޒަރޫރީ ބޭނުންތަކަށް ދޫކުރި 42,500 ރުފިޔާ ހިމެނެ އެވެ.

ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފީސަބީލިﷲގެ ބަޔަށެވެ.

އެއީ 2,544,823.64 ރުފިޔާ ކަމަށާއި، މީގެ ތެރޭގައި ދީނީ ޕްރޮގްރާމްތައް ހިންގުމަށް ހޭދަކުރި 1,047,219.50 ރުފިޔާ އާއި، މަތީ ތައުލީމު ފުރިހަމަކުރުމަށް ދިން އެހީގެ ގޮތުގައި 797,604.14 ރުފިޔާ އާއި، ފޮތްތައް ތަރުޖަމާކުރުމަށް ހޭދަކުރި 579,585.40 ރުފިޔާގެ އިތުރުން ހިފްޒު ޕްރޮގްރާމްތަކާއި ކީރިތި ގުރްއާނުގެ އިލްމު ފެތުރުމަށް ހޭދަކުރި 120,414.60 ރުފިޔާވެސް ހިމެނޭ ކަމަށް ޒަކާތު ހައުސް އިން ބުނެ އެވެ. 

މީގެ އިތުރުން އޮގަސްޓު މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދަރަނިވެރިންނަށް އެހީވުމުގެ ބައިން (އަލްޣާރިމީން) 60,061 ރުފިޔާ ދޫކޮށްފައިވާ އިރު، ހާލުގައި ޖެހިފައިވާ ދަތުރުވެރިންގެ ބައިން (އިބްނުއްސަބީލް) 19,834.02 ރުފިޔާ ދޫކޮށްފައިވާ ކަމަށް ޒަކާތު ހައުސް އިން ބުނެ އެވެ. 

2026 ވަނަ އަހަރުގެ އޮގްސްޓު މަހުގެ ތެރޭގައި ޒަކާތު ފަންޑަށް ލިބުނު އާމްދަނީގެ ގޮތުގައި 7,353,416.98 ރުފިޔާ ރެކޯޑު ކުރެވިފައިވެ އެވެ.