ދިވެހިރާއްޖޭގައި މިހާރު ވެސް އެންމެ ގިނަ އަދަދަކަށް އެޗްއައިވީ ޖެހެމުންދަނީ ''އަންސޭފް ސެކްސް''ގެ ސަބަބުން ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ގީލާ ވިދާޅުވީ، ރާއްޖެއިން މިހާތަނަށް އެޗްއައިވީ ޖެހިގެން ރިޕޯޓުކުރެވިފައިވާ ޖުމްލަ އަދަދަކީ 71 ކަމަށެވެ. އަދި މިވަގުތު މި ބައްޔާއެކު ދިރިއުޅެމުންދާ މީހުންގެ އަދަދަކީ 53 ކަމަށެވެ. 

ނަމަވެސް މި އަހަރު އަލަށް ފެނުނު 22 ކޭހާއެކު މިއީ މިހާތަނަށް ރެކޯޑު އަދަދަކަށް އެޗްއައިވީ ޕޮޒިޓިވްވި އަހަރުކަން ފާހަގަކުރެވެ އެވެ.

1991 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މި ބަލި ފެންނަމުންދާއިރު، ރާއްޖެއަކީ އަދިވެސް އާބާދީގެ ނިސްބަތުން ބަލާއިރު ބަލި ފެތުރޭ މިންވަރު ދަށް ނުވަތަ 'ލޯ ޕްރެވެލެންސް' ޤައުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ގައުމެއް ކަމަށް މިނިސްޓަރު ގީލާ ވިދާޅުވި އެވެ. 

މީގެ އިތުރުން މިނިސްޓަރު ގީލާ ވިދާޅުވީ، ރާއްޖޭގައި އެޗްއައިވީ ފެތުރޭ މައިގަނޑު ރޫޓަކީ ރައްކާތެރިނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުން ކަމަށެވެ.

އެހެންކަމުން ރައްކާތެރިކަމާއެކު ގުޅުން ހިންގުމަށް ހޭލުންތެރިކުރުވުމާއި، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކާއި ލޭ އަޅާ ފަރާތްތައް ފަދަ ހައި-ރިސްކް ގްރޫޕްތަކަށް އަމާޒުކޮށްގެން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް އިސްކަންދެމުންދާ ކަމަށް މިނިސްޓަރު ގީލާ ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް މިހާރު ވެސް ފާހަގަކުރެވެނީ އެންމެ ގިނަ އަދަދަކަށް ހަމަ އެޗްއައިވީ ޖެހެމުންދާ ބަލިމީހުން މި ޖެހެމުންދާ ރޫޓަކީ ހަމަ އަންސޭފް ސެކްސް އެނގޭތޯ. ހަމަ އެއީ ހަމަ ރައްކާތެރިކަމުގެ ރައްކާތެރިކަން ބޭނުންނުކޮށް ދެން. އަންސޭފް ސެކްސް ދެން އެނގޭތޯ. މި ފުރިހަމައަށް ރައްކާތެރި ނުވެ ޖިންސީ ގުޅުން ބޭއްވުމުގެ ސަބަބުން ހަމަ އެކަކު ގަޔަށް އަނެކަކު ގަޔަށް އަރާ ބައްޔެއްގެ ގޮތުގައި މިހާރު ވެސް އެންމެ ކޮމަން މޯޑް އޮފް ޓްރާންސްމިޝަނަކީ ރާއްޖޭގައި. ބަލިޖެހިފައި ތިބި މީހުން. ދެން އެހެންވީމާ މިއީ އަޅުގަނޑުމެން ފޯކަސްކުރަންވީ އަޅުގަނޑުމެން އެއްކަލަ މި ރައްކާތެރިކަމާ އެއްކޮށް ހަމަ މި ޖިންސީ ގުޅުން މި ބޭއްވުން
ގީލާ އަލީ 

ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ލޭގެ ރައްކާތެރިކަން ވަރަށް ބޮޑަށް ކަށަވަރުކުރެވިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ގީލާ ވިދާޅުވީ، ލޭގެ ޒަރިއްޔާއިން ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް ހަދަންޖެހޭ ހުރިހާ ޓެސްޓުތަކެއް ފުރިހަމައަށް ހަދަމުންދާ ކަމަށެވެ. 

މީގެ އިތުރުން މިނިސްޓަރު ގީލާ ވިދާޅުވީ، ބަލިމީހަކު ފެންނަ ކޮންމެ ފަހަރަކު ވަކިން ރިޕޯޓުކުރުމުގެ ބަދަލުގައި، މައުލޫމާތު އާންމުކުރަނީ ދުނިޔޭގެ އެއިޑްސް ދުވަހާ ގުޅުވައިގެން ކަމަށެވެ. އެއީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގެ ބަދަލުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކަމަށް ވިދާޅުވި އެވެ. އަދި ބައްޔަށް މީހަކު ޕޮޒިޓިވްވާ ހިސާބުން ފެށިގެން ކައުންސިލިން ދިނުމާއި، ކޮންޓެކްޓް ޓްރޭސިން ހެދުމާއި ފަރުވާގެ ކަންކަން ވަރަށް ފުރިހަމައަށް އެޗްޕީއޭއިން ކުރިއަށްގެންދާ ކަމުގެ ޔަގީންކަން މިނިސްޓަރު ގީލާ ދެއްވި އެވެ.