ރަށްރަށާއި އަތޮޅުތަކުގައި ޑައިލިސިސްގެ ޚިދުމަތް ގާއިމުކުރެވެމުންދާނީ އެ ސަރަހައްދެއްގައި ތިބި ބަލިމީހުންގެ އަދަދާއި ނިސްބަތަށް ރިއާޔަތްކުރުމަށްފަހު ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީގެ ނޫސްވެރިޔާ ދެންނެވި ސުވާލަށް، ހެލްތު މިނިސްޓަރު ގީލާ ވިދާޅުވީ، ސިއްހީ ޚިދުމަތްތައް ގާއިމުކުރުމުގައި އެ ރަށެއްގައި ނުވަތަ އެ އަތޮޅެއްގައި ތިބޭ ބަލިމީހުންގެ އަދަދުތަކަށް ބަލަންޖެހޭ ކަމަށެވެ.

އެގޮތުން ޚިދުމަތް ހޯދާނެ ބަލިމީހުން ނެތް ހާލަތެއްގައި އެފަދަ ޚިދުމަތެއް ގާއިމުނުކުރެވޭނެ ކަމަށާއި، ޑޮކްޓަރުންގެ ހުނަރާއި ފަރުވާގެ ފެންވަރު ދެމެހެއްޓޭނީ ވެސް ފަރުވާ ދޭނެ ބަލިމީހުން ތިބެގެން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ސިއްހީ ޚިދުމަތުގައި އެ ޚިދުމަތެއް ގާއިމުކުރެވިގެންދަނީ އެ ރަށެއްގައި ނޫނީ އެ އަތޮޅެއްގައި ތިބޭ ބަލިމީހުންގެ ނިސްބަތަށް ބަލާފައި އެނގޭތޯ. ބަލިމީހުންގެ އަދަދުތަކަށް ބަލާފައި. ދެން އެއްވެސް ހާލެއްގައި ބަލިމީހަކު ޚިދުމަތް ނުހޯދާނެ، ނޫނިއްޔާ ބަލިމީހު ހޯދަން ނެތް ނަމަ، އެފަދަ ޚިދުމަތެއްގައި އެ ރަށެއްގައި ނޫނީ އެ އަތޮޅެއް ގާއިމެއް ނުކުރެވޭނެ
ގީލާ އަލީ 

މީގެ އިތުރުން ޑައިލިސިސްއަކީ ޚާއްސަ ހުނަރު ބޭނުންވާ ދާއިރާއަކަށް ވުމުން، އެކަމަށް ޚާއްސަ ނަރުހުން ތަމްރީނުކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހުރިހާ ރަށެއްގައި ޚިދުމަތް ގާއިމުކުރުމަށް ނިންމާފައި އޮތް ނަމަވެސް، މިހާރު އިސްކަންދެނީ މަދުވެގެން ތިން ބަލިމީހުން ޚިދުމަތް ހޯދަން ތިބި ތަންތަނުގައި އެ ޚިދުމަތް ގާއިމުކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބަލިމީހުން މާލޭގައި ތިބެގެން ޚިދުމަތް ހޯދަން ބޭނުންވޭތޯ ނުވަތަ އެނބުރި ރަށަށް ގޮސް ޚިދުމަތް ހޯދަން ބޭނުންވޭތޯ ބެލުމަށް ދިރާސާތަކެއް ކުރެވެމުންދާ ކަމަށް ވެސް ހާމަކުރެއްވި އެވެ.

މީގެ އިތުރުން މިނިސްޓަރު ގީލާ ވިދާޅުވީ، ޑައިލިސިސް ޚިދުމަތް ދިނުމަށް ބޭނުންވާ މެޝިނަރީއާއި ތަމްރީނުތައް މިހާރު ވެސް ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ބޭނުންވާ ޝެޑިއުލާ އެއްގޮތަށް ބައެއް އަތޮޅުތަކުގައި ޚިދުމަތް ގާއިމުނުކުރެވި ހުރި ނަމަވެސް، އަތޮޅުތެރޭގައި އެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް މިނިސްޓަރު ގީލާ ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ސަރުކާރުން ކުރިން ހާމަކޮށްފައިވަނީ 2024 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑައިލިސިސް ޚިދުމަތް ފަށާނެ ކަމަށެވެ. ނަމަވެސް އެ އަހަރުގެ ނިޔަލަށް އެކަން ފުރިހަމަނުވެ، މިނިސްޓްރީން ފަހުން ވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ފަށާނެ ކަމަށް ބުނެފަ އެވެ.

މިނިސްޓަރު ގީލާ ހިއްސާކުރައްވާފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް މި ޚިދުމަތް ފެށިފައިވަނީ 11 ރަށެއްގަ އެވެ. އަދި އިތުރު 9 ރަށެއްގައި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

މި ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރު ނިމެންވާއިރަށް ވެސް ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ފުރިހަމައަށް ފެށޭނެ ކަމަށް ނުބެލެވެ އެވެ.