ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހުށަހަޅާފައިވާ ދައުވާގެ ޝަރީއަތް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފި އެވެ.
ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މައުލޫމާތު ދިން ގޮތުގައި އީޝާގެ މައްޗަށް ކުރަނީ ޤާނޫނުލްއުޤޫބާތުގެ 612 ގެ ދަށުން ޤަޛުފުކުރުމުގެ ކުށުގެ ދައުވާ އެވެ. އަދި މި ދައުވާ ކޯޓަށް ހުށަހަޅާފައިވަނީ 27 ސެޕްޓެމްބަރުގައި ކަމަށް ވެސް ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ.
މި މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން ތާވަލުކޮށްފައިވަނީ އަންނަ ހޯމަ ދުވަހު ހެނދުނު 10 އަށެވެ.
ޤާނޫނުލްއުޤޫބާތުގެ 612 ވަނަ މާއްދާއަކީ ޤަޒުފުގެ ކުށް ކަނޑައަޅާ މާއްދާ އެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ މި ޤާނޫނުގެ 411 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޒިނޭގެ ކުށް މީހަކު ކޮށްފިކަމަށް ނުވަތަ ކުރަމުން ދާކަމަށް ދޮގު ތުހުމަތެއް ކުރުމަކީ ކުށެއް ކަމަށެވެ. މި ކުށަކީ ޖިނާއީ ހަތަރުވަނަ ދަރަޖައިގެ ކުށެކެވެ. މި ޤާނޫނުގެ 90 ވަނަ ބާބުގެ ދަށުން ހުއްދަކޮށްފައިވާ އަދަބުގެ އިތުރަށް 80 އެތިފަހަރުން ޖަލުދުކުރުމުގެ އަދަބު މި ކުށަށް ހުއްދަކުރެވިގެންވެ އެވެ.
މި މައްސަލައިގައި ފުލުހުން މީގެ ކުރިން ވަނީ އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ އިތުރުން، އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު (ހަސަނާ) ވެސް ސުވާލުކޮށްފަ އެވެ. އަދި މިހާރު އެ މީހުންގެ މައްޗަށް ވަނީ ގަޛުފުގެ ދައުވާ ވެސް އުފުލާފަ އެވެ.
އަދަދު ނޫހުން "އައިޝާ" ޑޮކިއުމެންޓްރީ ގެނެސްދިނުމުގެ އެއް މަސްދުވަސްކުރިން ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް ސަރުކާރުގެ މިނިސްޓަރަކު ފޯނުން ގުޅައި އިންޒާރުދިން ކަމަށް ދާދި ފަހުން އީޝާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ވަޒީރެއްކަން އޭނާ ހާމަކޮށްފައެއް ނުވެ އެވެ.