ބ. ގޮއިދޫގައި ފުލުހުންގެ މަރުކަޒެއް ބިނާކުރުމަށްޓަކައި
މި ސަރުކާރުން ފެށި މަޝްރޫއު ހުއްޓި، އެ ސަރަހައްދުގައި ހުރި ތަކެތި ހަލާކުވަމުންދާ
ކަމަށް ބުނެ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު
މުއިއްޒު ވަރަށް ބާރަށް ކުރިއަށްދާނެ ކަމަށް ވިދާޅުވެ ފެއްޓެވި މަސައްކަތެއް ނަމަވެސް،
މިހާރު މަސައްކަތް އޮތީ މުޅިން ހުއްޓިފަ އެވެ.
ގޮއިދޫ ކައުންސިލުން ރާއްޖެޓީވީއާ ހިއްސާކުރި މައުލޫމާތުތަކަށް
ބަލާއިރު، މި ސަރުކާރުން މި މަޝްރޫއު ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ 2025 ވަނަ
އަހަރުގެ ތެރޭގަ އެވެ. ނަމަވެސް މަސައްކަތް ފެށިގޮތަށް ކުރިއަށް ނުގޮސް ހުއްޓިފައިވާއިރު،
އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދު މިހާރު އޮތީ ހުސްކޮށެވެ.
މި މަޝްރޫއުގެ މިހާރުގެ ހާލަތަށް ބަލާއިރު، އެ ސަރަހައްދުން
ފެންނަން ހުރީ ހަމައެކަނި މަދު ތަނބުތަކެއް ކަމަށް ކައުންސިލުން ފާހަގަކުރެ އެވެ. އަދި
މަސައްކަތް ކުރުމަށްޓަކައި އެ ރަށަށް ގެންގޮސްފައިވާ ހިލަޔާއި ހިލަވެލި ފަދަ ތަކެތި ވެސް
އެއްވެސް ރައްކާތެރިކަމެއް ނެތި ދޫކޮށްލާފައި ހުރުމުގެ ސަބަބުން، އެ ތަކެތި މިހާރު
ދަނީ ހަލާކުވަމުންނެވެ.
ގޮއިދޫ ކައުންސިލުން ބުނި ގޮތުގައި، މިއީ ރަށުގެ ސަލާމަތާއި
ރައްކާތެރިކަމަށްޓަކައި ނުހަނު ބޭނުންތެރި މަޝްރޫއެކެވެ. ނަމަވެސް ސަރުކާރުން މި މަޝްރޫއު
ބާރަށް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދީފައިވީ ނަމަވެސް، އަމަލީ ގޮތުން ފެންނަ މަންޒަރަކީ
މަސައްކަތް އިހުމާލުކޮށްލާފައިވާ މަންޒަރު ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.
މި މަޝްރޫއު ހުއްޓިފައި އޮތުމުގެ ސަބަބުން ރަށުގެ ރައްޔިތުންގެ
މެދުގައި ވެސް ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.