ވާޖިބު އަދާކުރަމުން
ދަނިކޮށް މަރުވާ ފުލުހުންގެ އާއިލާތަކަށް ވެސް ފުލުހުންގެ ޚިދުމަތުން ބޭސްފަރުވާ ކޮށްދޭ
ގޮތަށް ފުލުހުންގެ ވަޒީފާގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

މި ބަދަލު ގެނެސްފައިވަނީ
ފުލުހުންގެ ވަޒީފާގެ ޤަވާއިދަށް ދެވަނަ އިސްލާހު ގެނައުމުގެ ޤަވާއިދުގެ ދަށުންނެވެ.

ގަވާއިދަށް އިތުރު މާއްދާއެއް
އިތުރު ކޮށްފައިވާއިރު، އެ މާއްދާގައި ބުނެފައިވަނީ ވާޖިބު އަދާކުރަމުން ދަނިކޮށް މަރުވާ
ފުލުހުންގެ އާއިލާތަކަށް ވެސް ފުލުހުންގެ ޚިދުމަތުން ބޭސްފަރުވާ ކޮށްދޭނެކަމަށެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ
ގޮތުގައި، ވާޖިބު އަދާކުރަނިކޮށް މަރުވާ ފުލުހުންގެ އާއިލާއަށް ބޭސްފަރުވާ ދޭން ނިންމަންވާނީ
ފުލުހުންގެ އޮފިސަރު ނިޔާވި ހާލަތާއި ދިމާވި ހާދިސާގައިކަން ހިނގި ގޮތަށް ބަލައި، މުވައްޒަފު
އަދާކުރި ދައުރަށް ބަލައި އެގްޒެކެޓިވް މެނޭޖްމަންޓު ބޯޑަށް ހުށަހަޅައި އެ ބޯޑުން ނިންމާ
ގޮތުގެ މަތިންނެވެ.

މި އިސްލާހުގައި ވާޖިބު
އަދާކުރަނިކޮށް ނިޔާވާ ފުލުހުންގެ ޖަނާޒާ ބާއްވާނެ ގޮތާ ގުޅޭ ގޮތުން ވެސް ވަނީ ބަޔާންކޮށްފަ
އެވެ. އެގޮތުން، ވާޖިބު އަދާކުރަނިކޮށް ނިޔާވާ ފުލުހުންގެ ޖަނާޒާ، އެގްޒެކެޓިވް މެނޭޖްމަންޓު
ބޯޑުން ނިންމާ ގޮތެއްގެ މަތިން ރަސްމިއްޔާތެއްގެ ގޮތުގައި ބޭއްވޭ ގޮތަށް ވެސް ވަނީ
ހަމަޖައްސާފަ އެވެ.

މި އިސްލާހުގެ ސަބަބުން،
ދައުލަތުގެ ސަލާމަތާއި ރައްޔިތުންގެ ސަލާމަތަށްޓަކައި، އަމިއްލަ ފުރާނައަށް ބިރުވެރިކަން
ކުރިމަތިކޮށްގެން ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވާ ފުލުހުންގެ އާއިލާތަކަށް
ބޮޑު ލުޔެއް ލިބޭނެ އެވެ. މީގެ ކުރިން، ވަޒީފާގައި ހުރި ފުލުހުންނަށް ބޭސްފަރުވާގެ
ޚިދުމަތް ލިބެމުންދިޔަކަމުގައިވިޔަސް، ވާޖިބު އަދާކުރަނިކޮށް މަރުވާ ފުލުހުންގެ އާއިލާތަކަށް
މި ޚިދުމަތް ލިބޭނެ ގޮތެއް ނެތެވެ.