ޑޮލަރުގެ ދަތިކަމަށް ކުޑަވެސް ހައްލެއް ނާންނަ ކަމަށާއި ޑޮލަރުގެ އަގު އަދިވެސް ދަނީ މައްޗަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ޑޮލަރުގެ މައްސަލަ އަށް ހައްލެއް ނުލިބޭއިރު އަމިއްލަ ވިޔަފާރިތަކަށް އޭގެ އަސަރުކުރަމުންދާ ކަމަށެވެ. އެގޮތުން ވިޔަފާރިވެރިން ތިބީ ޓީޓީ ނުހެދި، ތަކެތި އިމްޕޯޓް ނުކުރެވިފައި ކަމަށް ނަޝީދު ވިދާޅުވި އެވެ. 

ނަޝީދު ވިދާޅުވީ މި ސަރުކާރުން ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުކޮށް، ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ އަތުން ނަގާ ޖީއެސްޓީ ބޮޑުކުރަން މަޖުބޫރު ކުރީ ސެޕްޓެމްބަރު ނިމޭއިރު 160 މިލިއަން ޑޮލަރު ލިބޭނެކަމުގެ އުއްމީދުގައި ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރަށް އެއްކަމެއް ވެސް ނުވި ކަމަށާއި ހުރިހާ ގެއްލުމެއް، އަދި ދައްޗެއް ކުރިމަތިވަމުން ދަނީ ރައްޔިތުންނަށް ކަމަށެވެ. 

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ތާރީޚީ މިންވަރަކަށް ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި، އިގުތިސާދީ މާހިރުންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ހާއްސަކޮށް ބޭރުގެ ދަރަނި ދެއްކުމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމަށް އޮތް އިތުބާރު ކުޑަވެދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފަ އެވެ.