ފޭސްބުކްގައި މަތީން ކުރައްވާފައިވާ ޕޯސްޓު
ފޭސްބުކްގައި މަތީން ކުރައްވާފައިވާ ޕޯސްޓު

ދިވެހިރާއްޖެ ދިވެހިންގެ އަތުގައި އޮންނާނެތޯ ސުވާލު އުފައްދަވައި، މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން އިސްތިއުފާ ދެއްވި އަބްދުލް މަތީން ޕޯސްޓެއް ކުރައްވައިފި އެވެ. 

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މަތީން ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާ ވިޔަފާރި މޮޑެލްތައް ރާއްޖެ އަށް ގެންނަން ވިސްނާއިރު، އޭގެ ސަބަބުން ރާއްޖޭގެ އަސާސީ ސިފަތަކަށް ކޮށްފާނެ އަސަރާމެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. އެއާއެކު މަތީން ވިދާޅުވީ، ދިވެހިރާއްޖެ އަކީ ހަމައެކަނި ދިވެހި ދަރިކޮޅުގެ، ސުންނީ މުސްލިމު ޤައުމެއް ކަމަށެވެ. 

މީގެ އިތުރުން ބިދޭސީން ގެދޮރު ގަނެގެން ދިގު މުއްދަތަކަށް ރާއްޖޭގައި ދެމި ތިބެވޭ ވިޔަފާރި މޮޑެލްއެއް ރާއްޖެ އަށް ގެނެވޭތޯ ބަޔަކު މަސައްކަތްކުރާތާ އެތައް އަހަރެއްވެއްޖެ ކަމަށާއި މިހާރު މިވަނީ އެ މޮޑެލް ފުޅާކޮށް ސަހަރުތައް ބިނާކުރުމުގެ މަސައްކަތް ފެށިފައި ކަމަށް އެނާ ވިދާޅުވި އެވެ.

ފޭސްބުކްގައި މަތީން ކުރައްވާފައިވާ ޕޯސްޓު

ފޭސްބުކްގައި މަތީން ކުރައްވާފައިވާ ޕޯސްޓު|ފޭސްބުކް

އެގޮތުން ރަސްމާލެ އާއި ނ. އަތޮޅާއި ތ. އަތޮޅުގައި އެކަން ކުރިއަށްގެންދާ ކަމަށް މަތީން ފާހަގަކުރި އެވެ. އެތައް ހާސް ބިދޭސީންގެ ބަޔަކު ގެދޮރު ގަނެގެން ރާއްޖޭގައި ދިރިއުޅުމަށް މަގުފަހިކޮށްދިނުމަކީ، ހަމައެކަނި ވިޔަފާރި އާއި އިގުތިސާދީ ކަމެއް ނޫން ކަމަށާއި، އެދެކެވެނީ ބަވަނަކުރެވި ހުޅުވާލެވިފައިވާ މުޖުތަމައުތަކެއް ރާއްޖޭގައި ބިނާކުރާ ވާހަކަ ކަމަށް މަތީން ވިދާޅުވި އެވެ. އެހެން ނަމަވެސް އެއީ ތަފާތު ދީންތަކާއި ތަފާތު ސަގާފަތްތަކާއި އާދަކާދަތަކުގެ އަހުލުވެރި މުއްސަނދި ނުފޫޒުގަދަ މީހުން، އެމީހުންނަށް ބޭނުންވާ އެންމެހާ ވަސީލަތްތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފައިހަރުކުރާ ވާހަކަ ނޫންކަން ދިވެހި ރައްޔިތުންނަށް ޔަޤީންވާން ޖެހޭނެ ކަމަށް މަތީން ވިދާޅުވި އެވެ.

މި ވިޔަފާރި މޮޑެލްގައި ސަތޭކަ ވަރަކަށް އަހަރުގެ ރާސްތާ ކަޑައްތުކުރާއިރު،  ދިވެހީންގެރާއްޖެ ދިވެހީންގެ އަތުގައި އޮންނާނެތޯ އެއީ ވަކި ފަރާތަކަށް ނުޖެހި ކުރަން ޖެހޭ އިލްމީ ބަހުސެއް ކަމަށް މަތީން ވިދާޅުވި އެވެ. މިކަންކަމާގުޅޭ ލިޔެކިޔުންތައް ރައްޔިތުންނަށް ހާމަވާންޖެހޭ ކަމަށާއި، ނިންމުންތަކުގެ ދެފުށް ފެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މި ބަހުސްގައި ބައިވެރިވުމަކީ ތަރައްޤީއާ ދެކޮޅުހެދުމެއް ނޫން ކަމަށް ފާހަގަކުރައްވާ، އެއީ ދިވެހީންގެރާއްޖޭގެ ހިމާޔަތާ ރައްކާތެރިކަމަށްޓަކައި މި ޖީލުގެ ދިވެހީން އުފުލަންޖެހޭ ޒިންމާއެއް ކަމަށް މަތީން ވިދާޅުވެފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގާ މަޝްރޫއާ މެދު ގިނަ ބައެއްގެ ކަންބޮޑުވުން އުފެދިފައިވާ ވަގުތެއްގައި މަތީން މިހެން ވިދާޅުވެފައިވާއިރު، މަތީން އަކީ މި ސަރުކާރު ގެންނަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި އޭނާ ހުންނެވީ ރައީސް މުއިއްޒުގެ އަރިސް ބޭފުޅެއްގެ ގޮތުގަ އެވެ.