ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރެޓާއި ދުންފަތް ނައްތާލައިފި އެވެ. 

އަންގާރަ ދުވަހު ފުލުހުން ބުނީ، ސެޕްޓެމްބަރު 28 ވަނަ ދުވަހު ދޫނިދޫގައި ނައްތާލި ތަކެއްޗަކީ ހެންވޭރު ގެއެއްގެ އެޕާޓްމަންޓުގައި ހިންގަމުންދިޔަ އޮފީހެއްގައި ގާނޫނާ ހިލާފަށް، ސިނގިރެޓް އުފެއްދުމަށް މެޝިން ބަހައްޓައިގެން ސިނގިރެޓް އުފައްދާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެދަށަށް ގެެނެސްފައިވާ ތަކެތި ކަމަށެވެ. 

މި އޮޕަރޭޝަންއަކީ ހިންގާފައިވަނީ 30 ޖަނަވަރީ 2025 ހިންގާފައިވާ އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

އެގޮތުން، ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 4285 ސިނގިރެޓް ކާޓޫން، 232 ފޮށި ސިނގިރެޓް އަދި 93.60 ކިލޯގެ ދުންފަތް ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުުގައި އަމަލުކުރާނެ އުސޫލުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.