ބ. ގޮއިދޫ ސްކޫލްގެ ޓީޗަރުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ސްޓާފް ރޫމްގެ މަސައްކަތް ކުރިއަށް ނުދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ގޮއިދޫ ކައުންސިލް މެންބަރު މުހައްމަދު ނާފިޒު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސްޓާފް ރޫމް އެޅުމުގެ މަސައްކަތަކީ ރައީސް ސޯލިހުގެ ސަރުކާރުގެ ފަހު އަހަރު ފަށައިގެން ބާރު ސްޕީޑްގައި ކުރިއަށް ދިޔަ މަޝްރޫއެއް ކަމަށެވެ. އަދި ވެރިކަން ނިމުނު އިރު އިމާރަތް ރާނާ ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ވެރިކަން ބަދަލުވުމަށްފަހު ކައުންސިލަށް ރަސްމީކޮށް އެންގުމެއް ނެތި އެ މަޝްރޫއު ހިންގަމުން ދިޔަ ކުންފުނި އަތުން މަޝްރޫއު ނަގައި ފެނަކައާ ހަވާލުކުރި ކަމަށް ނާފިޒު ވިދާޅުވި އެވެ. އަދި އޭގެ ފަހުން އެ މަޝްރޫއު ކުރިއަށްނުދާކަމަށް ނާފިޒް ވިދާޅުވި އެވެ.
ޓިނު ޖެހުން ގާތްގަނޑަކަށް ނިމުމަކާއި ހަމައަށް ގޮސްފައި، މައުލޫމާތު ލިބުނީ 4 ގަނޑު ޓިނުގެ މައްސަލައިގައި ހިޔާނުކުރެވި، ހަތަރު ގަނޑު ޓިނު ފެނަކައަށް ނުލިބިގެން ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީމުހައްމަދު ނާފިޒު
މީގެ އިތުރުން، މި ވެރިކަން ފެށުނުއިރު ޓިނުޖެހުމުގެ އިތުރުން، އިތުރު މަސައްކަތެއް 3 އަހަރު ވާންދާއިރު ނުކުރާ ކަމަށް ވިދާޅުވެ ނާފިޒް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ގޮއިދޫ ސްކޫލް ސްޓާފް ރޫމްއަކީ އެ ސްކޫލްއަށް ވަރަށް މުހިއްމު އިމާރާތެއްކަން ފާހަގަކުރައްވާ ނާފިޒު ވިދާޅުވީ މިހާރު ޓީޗަރުން މަސައްކަތް ކުރަމުން ދަނީ ކުޑަ ކްލާސް ރޫމެއްގައި ކަމަށާއި، އެއް މޭޒެއްގައި ތިން ހަތަރު ޓީޗަރުންނަށް އިންނަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން، ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފަށައި، ބާރު ސްޕީޑްގައި ނިންމާލުމަށް ނާފިޒް ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.