ރ. އަނގޮޅިތީމު
ގެއަކަށް ވަދެ، އެ ރަށުގެ އުމުރުން ދުވަސްވީ އަންހެނަކަށް ގަދަކަމުން ޖިންސީގޯނާކޮށް،
މަރާލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ހާދިސާގެ
ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 ސެޕްޓެމްބަރު 27 ވީ ހުކުރު ދުވަހުގެރޭ
8:30 އެހައިކަންހާއިރު އެވެ. ފުލުހުން ބުނީ އަނގޮޅިތީމު ގެއަކަށް ވަދެ ޖިންސީ ގޯނާކޮށްފައިވަނީ
އުމުރުން 72 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށެވެ. އަދި އެ އަންހެން މީހާއަށް ޖިންސީގޯނާ
ކުރުމުގެ އިތުރުން، މަރާލާނެ ކަމަށް ބުނެ ބިރުދައްކައި އިންޒާރު ދީފައިވާ ކަމަށް ވެސް
ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
މި އަނިޔާވެރި
އަމަލުގެ ޝިކާރައަކަށްވި އުމުރުން ދުވަސްވީ އަންހެން މީހާއަށް ވަނީ އަނގޮޅިތީމު ހެލްތު
ސެންޓަރުގައި ފަރުވާ ދީފަ އެވެ. ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު މިހާރު އެ މީހާ
ވަނީ ދޫކޮށްލާފަ އެވެ. ނަމަވެސް އެ މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން
ހާމައެއް ނުކުރެ އެވެ.
މި މައްސަލައިގެ
ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 28 ވީ ހޮނިހިރު ދުވަހުގެރޭ
9:57 އެހައިކަންހާއިރު އެވެ. ފުލުހުން ބުނީ މި މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ
ދަށުން ކަމަށެވެ.