ރައްޔިތުންގެ
މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އާންމުކޮށްފައިވާއިރު، މަޖިލީހުގެ ރައީސް
އަބްދުއްރަހީމް އަބްދުﷲ އަށް ހެޔޮއެދޭ ފަރާތްތަކުން ހަދިޔާގެ ގޮތުގައި އެއްލައްކައަށްވުރެ
ގިނަ ރުފިޔާ ލިބިވަޑައިގެންފައިވާކަން ހާމަވެއްޖެ އެވެ.
މިއީ މިދިޔަ
އަހަރުގެ މެއި މަހުން ފެށިގެން މިއަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ހޭދަވި
އެއް އަހަރު ދުވަހުގެ މުއްދަތަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މާލީ ބަޔާނެކެވެ.
މަޖިލީހުގެ
ވެބްސައިޓުގައި އާންމުކޮށްފައިވާ މާލީ ބަޔާނުގެ ތަފްސީލުތަކަށް ބަލާއިރު، ދަތުރުފަތުރު
ކުރުމަށާއި ކްރެޑިޓް ކާޑުތަކުގެ ފައިސާ ދެއްކުމަށް ހެޔޮއެދޭ މީހުންގެ ފަރާތުން ހަދިޔާގެ
ގޮތުގައި އަބްދުއްރަހީމް އަށް 120،191 ރުފިޔާ ލިބިވަޑައިގެންފައިވެ އެވެ.
މީގެ އިތުރުން،
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން މުސާރައިގެ ގޮތުގައި
މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި 599،961 ރުފިޔާ ލިބިވަޑައިގެންފައިވާކަން ބަޔާނުން
އެނގެ އެވެ.
އަބްދުއްރަހީމްގެ
އާމްދަނީގެ ވަސީލަތްތަކަށް ބަލާއިރު، އަމިއްލަ ވިޔަފާރީގެ ތެރެއިން ވެސް ބޮޑު އާމްދަނީއެއް
ލިބިވަޑައިގަންނަވަ އެވެ. އެގޮތުން މުދާ އުފުލާ ބޯޓެއް ކަމަށްވާ "އަރަފާ"
ކުއްޔަށް ދީގެން އާމްދަނީގެ ގޮތުގައި 480،000 ރުފިޔާ ލިބިވަޑައިގެންފައިވާ ކަމަށް މާލީ
ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މިދިޔަ މެއި
މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ ރައީސްގެ ބޭންކް އެކައުންޓުގައި ހުރި
ފައިސާގެ ތަފްސީލަށް ބަލާއިރު، އެ މުއްދަތާ ހަމައަށް އެކައުންޓުގައި ހުރީ 99،545 ރުފިޔާ އެވެ.
ރައްޔިތުންގެ
މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކޮންމެ އަހަރަކު ވެސް މެންބަރުންގެ މާލީ ބަޔާންތައް
އާންމުކުރަންޖެހެ އެވެ. މިއީ ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހަތްތެރިކަން
ކަށަވަރުކުރުމުގެ ގޮތުން ކުރަމުން އަންނަ ކަމެކެވެ.