މުޅި އެމްއެމްޕީއާރްސީ
މައްސަލައާ ގުޅިގެން ދައުލަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާމެދު އަމަލުކޮށްފައިވަނީ ތަފާތު ގޮތަކަށް، ވަކި ޑިޒައިނެއްގެ ދަށުން
ކަމަށް އެމަނިކުފާނުގެ ދިފާއީ ވަކީލުން ވިދާޅުވެއްޖެ އެވެ.

ވަކީލުން
އެހެން ވިދާޅުވީ ވ އާރަށު ހިޔާނާތުގެ މައްސަލައިގައި އަންގާރަ ދުވަހު ކްރިމިނަލް
ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގަ އެވެ.

މި އަޑުއެހުމުގައި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދިފާއީ ވަކީލުން ވަނީ މުޅި އެމްއެމްޕީއާރްސީ
މައްސަލައާ ގުޅިގެން ދައުލަތުން އަމަލުކޮށްފައިވަނީ ރައީސް ޔާމީނާމެދު ތަފާތު ގޮތަކަށް،
ވަކި ޑިޒައިނެއްގެ ދަށުން ކަމަށް ވިދާޅުވެފަ އެވެ.

ދިފާއީ ވަކީލުން
ފާހަގަކުރެއްވި ގޮތުގައި އެމްއެމްޕީއާރްސީ ހިޔާނަތުގެ މައްސަލައިގައި ދެން ދައުވާ އުފުލި
މީހުންނާއި، ރައީސް ޔާމީނާމެދު ތަފާތު ގޮތްތަކެއް ދައުލަތުން ގެންގުޅެ އެވެ. އަދި ބައެއް
މީހުންގެ މައްސަލަ ދައުލަތުން އަނބުރާ ގެނެސްފައިވާކަމަށްވެސް ދިފާއީ ވަކީލުން ފާހަގަކުރެއްވި
އެވެ.

ދިފާއީ ވަކީލުން
ވިދާޅުވި ގޮތުގައި މި މައްސަލައިގައި އިންސާފުވެރިކަމާއި، އަދުލުވެރިކަމާއެކު ކަންކަން
ގޮސްފައިވާކަން ދެއްކުމަށް ދައުލަތުން މަސައްކަތް ކުރަމުންދިޔަނަމަވެސް، ކަން އޮތީ
އެހެނެއް ނޫނެވެ.

ވ. އާރަށު
ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީނަށް ކުރީގެ ކްރިމިނަލް ކޯޓުން ފަސް އަހަރުގެ
ޖަލު ހުކުމެއް އިއްވި އެވެ. އެ ހުކުމް ބާތިލު ކުރަން ހައިކޯޓަށް އިސްތިއުނާފު ކުރުމުން
ހައިކޯޓުން ވަނީ ކުރީގެ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލު ކޮށް މައްސަލަ އަލުން ކުރިއަށް
ގެންދަން އަންގާފަ އެވެ.