ވ. އާރަށު
މައްސަލައިގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ހެކީގެ ބައިގައި، އެ
ހެކިތައް އެއްފަރާތް ކުރަން ހައިކޯޓުން އެންގީ ރަނގަޅަށްކަމަށް ހުކުމް ކޮށްފައިވާއިރު،
އެ މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް
ގެންގޮސްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަށް
ކުރާ މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާގައި 7 އަހަރަށް ޖަލަށް ލުމާއެކު 5 މިލިއަން
ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފައިވާއިރު، ޔާމީނުގެ މައްޗަށް ކުރާ
ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައި ވާކަމަށް ކަނޑައަޅައި، 4
އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. އަދި މި ހުކުމް ހައިކޯޓުން
ބާތިލުކޮށްފައިވަނީ 18 އޭޕްރީލް 2024 ގަ އެވެ.
ހައިކޯޓުގެ
ނިންމުމުގައި މައިގަނޑު 3 ކަމެއް އަންގާފައިވެ އެވެ. އެއީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް އަލުން ފުރުސަތުދީ އެކަމަށް ގޮތް
ނިންމުމާއި، ދައުލަތުގެ އައު ހެކިތައް އެއްފަރާތް ކުރުމާއި، ދަށު ކޯޓުގެ ރިޕޯޓުގެ
68 ވަނަ ނުކުތާގައި ނެރެފައިވާ ދޭހަ އެއްފަރާތްކޮށް، އަލުން ކްރިމިނަލް ކޯޓުން
މައްސަލައިގެ ގޮތެއް ކަނޑައެޅުމަށެވެ.
އޭގެ
ތެރެއިން ދައުލަތުގެ އައު ހެކިތައް އެއް ފަރާތްކުރުމަށް އެންގި އެންގުން ދައުލަތުން
ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ އެ ހެކިތައް
އެއްފަރާތް ކުރަން ހައިކޯޓުން އެންގީ ރަނގަޅަށް ކަމަށެވެ.
އެހެންކަމުން
އެ ނިންމުމާ އެއްގޮތަށް ކްރިމިނަލް ކޯޓުން އަލުން މި މައްސަލަ ކުރިއަށްދާއިރު،
އަންގާރަ ދުވަހުގެ އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ
ގުޅޭގޮތުން ވާހަކަ ދެއްކުމެވެ.
މި އަޑުއެހުމުގައި
ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވަނީ ރައީސް ޔާމީނުގެ ފަރާތުން ހުށަހަޅާފައިވާ
ބައެއް ޝަފަހީ ހެކި ބަލައިނުގަތުމަށް އެދިފަ އެވެ. އެއީ ރައީސް ޔާމީނު ކުރެއްވީ
ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްކަން ސާބިތު ކޮށްދިނުމަށް ރައީސް ޔާމީނުގެ ފަރާތުން
ހެކީގެ ގޮތުގައި ހުށަހެޅި މީހުންނެވެ.
ޑޮލަރު
މާރުކުރުމާ ގުޅޭގޮތުން ޔާމީނު ހުށަހެޅުއްވި މި ދިފާއު ބަލައިނުގަތުމަށް
ދައުލަތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި އެދިފައިވެ އެވެ.
ދިފާއީ
ވަކީލުން ވިދާޅުވި ގޮތުގައި މުޅި އެމްއެމްޕީއާރްސީ މައްސަލައާ ގުޅިގެން ދައުލަތުން
އަމަލުކޮށްފައިވަނީ ރައީސް ޔާމީނާމެދު ތަފާތު ގޮތަކަށް، ވަކި "ޑިޒައިނެއްގެ"
ދަށުންނެވެ. އެގޮތުން އެމްއެމްޕީއާރްސީ ހިޔާނަތުގެ މައްސަލައިގައި ދެން ދައުވާ
އުފުލި މީހުންނާއި، ރައީސް ޔާމީނާމެދު ތަފާތު ގޮތްތަކެއް ގެންގުޅޭކަމަށް ދިފާއީ ވަކީލުން
ވިދާޅުވި އެވެ. އަދި ވިދާޅުވީ، މި މައްސަލައިގައި އިންސާފުވެރިކަމާއި، އަދުލުވެރިކަމާއެކު
ކަންކަން ގޮސްފައިވާކަން ދެއްކުމަށް ދައުލަތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި
އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ، ތަހުގީގުގައި ބޭންކުގެ
ލިޔުމެއްކަމަށް ބުނެ ރައީސް ޔާމީނުގެ އަތުލިއުއްވުން ހިމެނޭ ލިޔުމެއް ދެއްކި
ކަމަށާއި، އެ ލިޔުމާ ގުޅޭގޮތުން ދައްކަންޖެހޭ ވާހަކަ ޝަރީއަތުގައި ދައްކާނެކަމަށް
އޭރު ވިދާޅުވެފައިވާނެ ކަމަށެވެ. އެއީ އެޗްއެސްބީސީގެ ލިޔުމެއްކަމަށް ބުނާ
ލިއުމެއް ކަމަށާއި، އެކަމާ ގުޅޭ އިތުރު ވާހަކައެއް ދައްކާނީ ޝަރީއަތުގައިކަމަށް
ވިދާޅުވެފައިވާއިރު، އެއީ ހަނު ހުރުންކަމަށް ދައުލަތުން ދެކޭކަމަށް ރައީސް ޔާމީނު
ވިދާޅުވި އެވެ. އަދި އޭރު އެކަންކަމާ ގުޅިގެން އެއްޗެއް ވިދާޅުނުވެ ހުންނެވީ ވެސް ތަހުގީގުގައި
ދައްކާ ވާހަކަ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރައްވަފާނެތީކަން ރައީސް ޔާމީނު ފާހަގަ
ކުރެއްވި އެވެ.
އެ
ލިޔުން ޓްރޭސް ކުރުމަށް ވަގުތުކޮޅެއް ދިނުމަށް ރައީސް ޔާމީނު އެދިވަޑައިގެންނެވި
އެވެ.
ދިފާއުން
ވަނީ ވ. އާރަށު މައްސަލައާ ގުޅޭ އެއްވެސް ލިޔުމެއް ހާމަނުކޮށް އޮތްނަމަ، އެ
ލިޔުމެއް ހާމަކޮށްދިނުމަށް ދައުލަތަށް އަމުރު ކޮށްދިނުމަށް އެދިފަ އެވެ.
މީގެ
އިތުރުން، ދައުލަތުން "ޕްރައިވެޓް ހަޔަރ އެއްގެ ދަށުން" އެކްސްޕަރޓެއްކަމަށްވާ
މާކް އެންޑްރޫ ރެގްބީގެ ހެކި ބަލައިގަންނަ ހާލަތުގައި ވެސް އޭނާ ހަޔަރކޮށްފައިވަނީ
ކޮން ގޮތަކުންތޯ ބަލައިގެންކަމާއި، އޭނާއަށް މުޤާބިލުގައި ލިބިފައިވަނީ ކޮން
އެއްޗެއްތޯއާއި، އެކަމާ ގުޅޭ ތަފްސީލު ހޯދުމަށް ދިފާއުން އެދިފައިވެ އެވެ. އޭނާއަކީ
ދައުލަތުން ހުށަހެޅި ރިޕޯޓެއްގައި ހިމެނޭ ޑޭޓާތަކެއްގެ ނަޒާހަތްތެރިކަން
ބަޔާންކުރުމަށް ދައުލަތުން ހުށަހެޅި ހެއްކެކެވެ.
އެ ހެކިވެރިޔާގެ
އިތުރުން ވެސް ދައުލަތުން ހުށަހެޅި ބައެއް އިތުރު ހެކިން ބަލައިނުގަތުމަށް ދިފާއުން
މި އަޑުއެހުމުގައި އެދުނެވެ.
ދިފާއުން
ދެއްކި ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، އެއީ ހަގީގަތުގައި ވެސް
ޑޮލަރު މާރުކުރުމާ ގުޅޭ މުއާމަލާތެއްނަމަ، ތަހުގީގުގައި އެ ވާހަކަ ވިދާޅުނުވެ ހަނު
ހުންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ތަހުގީގުގައި ދައްކާ ވާހަކަ
އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރައްވަފާނެކަމަށް ބެލެވޭ ސަބަބެއް ދަށު ކޯޓާއި
ހައިކޯޓުގެ މަރުހަލާގައި ވެސް ރައީސް ޔާމީނުގެ ފަރާތުން ދެއްކިފައިނުވާކަމަށް
ވަކީލު ވިދާޅުވި އެވެ.
އަދި ތަހުގީގަށް
ހާޒިރުކުރާ ސްލިޕްގައި ވެސް ސުވާލު ކުރެވެނީ ކޮން މައްސަލައަކާ ގުޅިގެންކަން
ސާފުކޮށް އެނގެން އޮންނާނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ކްރިމިނަލް
ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމު އެވެ. ދެން އޮންނަ އަޑުއެހުމެއްގައި
އޮންނާނީ ހުށަހެޅުންތަކާ ގުޅިގެން ގޮތެއް ނިންމުމެވެ. އެ އަޑުއެހުން އޮންނާނީ 12
އޮކްޓޯބަރުގައި އޮންނަ ފުއްގިރި މައްސަލައިގެ އަޑުއެހުމަށްފަހުކަމަށް ގާޒީ
ވިދާޅުވި އެވެ.