ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާ ބިމުގެ ތެރެއިން
500 ހެކްޓަރުގެ ބިން އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް، އެއްވެސް
އަގަކާ ނުލާ ހިލޭ ދިން މައްސަލައިގައި ބޮޑެތި ޚިޔާނާތާއި ކޮރަޕްޝަން އެކުލެވޭ ކަމަށް
ތުހުމަތުކޮށް އަމިއްލަ ފަރާތެއްކަމަށްވާ އަހުމަދު ސަލީމް (މާޒް ސަލީމް) އެންޓި ކޮރަޕްޝަން
ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލައިގައި ބުނެފައިވަނީ، ރައްޔިތުންގެ ޓެކްސް
ފައިސާއިން ބޮޑު ހޭދައެއް ކޮށްގެން ހިއްކާ ބިމުން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް
ދިނުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް އޮތް ނުރައްކަލެއް ކަމަށެވެ.
އޭސީސީއަށް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާ
ގޮތުގައި، ރަސްމާލެ މަޝްރޫއަކީ ދެފުށް ފެންނަ ގޮތެއްގައި ހިންގާ މަޝްރޫއެއް ނޫނެވެ.
މިގޮތުން މި މަޝްރޫއު އީގަލް ހިލްސްއާ ހަވާލުކުރި ގޮތާއި، ބިޑް ކުރުމުގެ ފުރުސަތު ހުޅުވާލި
ގޮތެއް ސަރުކާރުން ހާމަކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި މި މަޝްރޫއާ
ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދެއްވާ މައުލޫމާތާއި، އީގަލް
ހިލްސް ކުންފުނިން ނެރުނު ބަޔާނުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ވެސް ވަނީ ފާހަގަކޮށްފަ
އެވެ. މިނިސްޓަރު ވިދާޅުވީ މަޝްރޫއުގެ އަގަކީ 20 ބިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް
އީގަލް ހިލްސްގެ ބަޔާނުގައި ވަނީ އެއީ 12 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށެވެ.
މީގެ އިތުރުން، ބިމުގެ މިލްކުވެރިކަމާ ގުޅޭގޮތުން ވެސް
ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ފާޅުކޮށްފަ އެވެ. ސަރުކާރުން ބުނަމުންދަނީ ބިމުގެ މިލްކުވެރިކަން
ދައުލަތަށް އޮންނާނެ ކަމަށެވެ. ނަމަވެސް އީގަލް ހިލްސްގެ ބަޔާނުގައި ބުނެފައިވަނީ،
އެތަނުން ޕްރޮޕަޓީއެއް ވިއްކާލާ ކޮންމެ ފަހަރަކު ނުވަތަ ވާރިސުންނަށް ބަދަލުވާ ކޮންމެ
ފަހަރަކު 99 އަހަރުގެ މުއްދަތު އަލުން އިއާދަވާނެ ކަމަށެވެ.
މިއީ އަމަލީ ގޮތުން ބަލާއިރު ބިމުގެ މިލްކުވެރިކަން ދާއިމީކޮށް
ބޭރުގެ ފަރާތްތަކަށް ލިބިގެންދާނެ ކަމެއް ކަމަށާއި، މިއީ ޤާނޫނުއަސާސީގެ 250 އަދި
251 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށް އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.
މި މަޝްރޫއާއި ގުޅިގެން ދިވެހި ރައްޔިތުން ކަންބޮޑުވުންތައް
ފާޅުކުރަމުންދާއިރު މި އެއްބަސްވުން އޮތީވެސް ދިވެހި ރައްޔިތުންނަށް ސިއްރުކޮށްފައިކަމަށް
މައްސަލައިގައި ބަޔާންކޮށްފައިވެ އެވެ.
ސަރުކާރުން މިކަމުގައި ސާފު ޖަވާބެއް ރައްޔިތުންނަށް
ދިނުމަށް ބޭނުމެއްނުވެ އެވެ. ސަރުކާރުން ދައްކަމުން ދަނީ ސަރުކާރަށް ލިބޭނެކަމަށް
އަންދަޒާ ކުރާ ބޮޑު އަދަދެއްގެ ފައިސާގެ ވާހަކަ އެވެ. މިއާއެކު ރައްޔިތުންނަށް އަޑު
އިވިގެން މިދަނީ ހައުސިން މިނިސްޓުރީގެ ލޮކަރުތަކެއް ބަންދު ގަޑީގައި ހުޅުވާފައި ހުރިކަމަށް
ފުލުހުންނަށް ރިޕޯޓު ކުރުމުން ފުލުހުން ރެޔާއި ދުވާލު އެތަނުގައި ފޯރިމަރަމުން
ދާވާހަކަ އެވެ. ހައްތަހާ ވެސް ކަންބޮޑުވުން މި ދަނީ އިންތިހާއަށް ބޮޑުވަމުންނެވެ.އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަ
ރަސްމާލޭގެ
މި މަޝްރޫއުގައި ހިމެނޭ ޔޮޓުމެރީނާ އަކީ ވެސް މިރައްޖޭގެ ބޯޑަރަށް އޮތް ބޮޑު
ނުރައްކަލެއްކަމަށް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ރަސްމާލޭގެ
ނަމުގައި ރާއްޖެ އެތެރެވާ އަދި ބޭރުވާ ކަނޑުގެ އުޅަނދުފަހަރުގެ ކޮންޓްރޯލް
ދައުލަތުގެ ސަލާމަތީ ބާރުތަކުގެ ދަށުން ގެއްލިގެންދާނެ ކަމަށާއި، ވެރިރަށް މާލެއާ
ޖެހިގެން އޮތް މުހިންމު ސަރަހައްދެއްގައި ބޭރުގެ ބަޔެއްގެ ދާއިމީ ކޮންޓްރޯލް އޮތް
މެރީނާއެއް އޮތުމަކީ، ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ހުއްދައާ ނުލާ ޖާސޫސް ކުރުމަށް
ބޭނުންވާނެ ޓެކްނޮލޮޖީއާއި އަދި އެނޫން ވެސް ގައުމީ ސަލާމަތައް ނުރައްކާ ވެދާނެ
ތަކެތި އެ ސަރަހައްދަށް ޖަމާކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމެއްކަމާއި މެދު
އެއްވެސް ޝައްކެތް ނެތްކަމަށް ވެސް ވަނީ ބުނެފަ އެވެ.
ހަމައެއާއެކު،
މި އިންވެސްޓްމެންޓްތަކުގެ ބާރު ބޭނުންކޮށްގެން ދައުލަތަށް އިގުތިސާދީ ގޮތުން
ފިއްތުންތައް ކުރިމަތިކުރުވިދާނެ ކަމަށާއި، އެހިސާބުން ބައިނަލްއަޤުވާމީ ކޯޓުތަކުން
ދައުލަތް ބަނގުރޫޓުވާވަރުގެ ބަދަލު ދޭންޖެހޭނެކަމީ އެއްވެސް ޝައްކެތް ނެތް
މިންވަރަށް ފެންނާން އޮތް ހަޤީޤަތެއްކަމަށް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
މީގެއިތުރުން މި މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކަށް ރެސިޑެންޓް
ވިސާ ދިނުމަށް ރޭވިފައިވާ "މޯލްޑިވްސް ޕާލް ރެސިޑެންސީ" ޕްރޮގްރާމަކީ ވެސް
ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، ވަކި ބަޔަކަށް އަމާޒުކޮށްގެން ހިންގާ ކަމެއްގެ ގޮތުގައި
ވަނީ ސިފަކޮށްފަ އެވެ.
މި ޕްރޮގްރާމް ހިންގުމަށް "ހެންލީ އެންޑް ޕާޓްނާސް"
އާ ހަވާލުކުރި ގޮތް ސިއްރުކޮށްފައިވާ ކަމަށާއި، އެސްއީޒެޑް ޤާނޫނަށް ގެނައި ބަދަލުތަކަކީ ވެސް
ރަސްމާލެއިން ބޭރު މީހުންނަށް ބިން މިލްކުކޮށްދިނުމަށް މަގުފަހިކުރުމަށް ކުރި ކަމެއް
ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ދިވެހި ސަރުކާރުން
އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް 500 ހެކުޓަރުގެ ބިން 99 އަހަރުގެ
ދިގުމުއްދަތަކަށް ދިނުމުން، މުޅި އެ ވިޔަފާރީގެ ކޮންޓުރޯލް އެއޮތީ އީގަލް ހިލްސްގެ
ބާރުގެ ދަށުގައިކަން މިއީ ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކު ވެސް ޤަބޫލުކުރާނޭ
ކަމެކެވެ. ހަމައެހެންމެ ސަރުކާރުން ބުނާގޮތުން އީގަލް ހިލްސް އިން 20 ބިލިއަން
ޑޮލަރުގެ އިންވެސްޓުމެންޓެއް ކުރާގޮތަށް އެއްބަސްވެވިފައި ވަނީނަމަ، އެބިމުގައި
ހިގާނެ މަޝްރޫއުތަކާއި އެތަނުގައި ތަރައްޤީކުރާ ތަރިކަތައް ވިއްކާނެ އަގާއި އަދި
އެ ތަރިކަތައް ވިއްކާނެ ފަރާތެއް ކަނޑައަޅާނީ އިގަލް ހިލްސް ކުންފުނިންކަން މިއީ
މިކަމުގައި ފެންނާން އޮތް ހަޤީޤަތެވެ. އެހެންކަމަށް ވަނީނަމަ ނަތީޖާއަކަށް
ވެގެން ދާނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ބާރު އެބިމުގެ މައްޗަށް ނެތި ދިއުމެވެ.
ރަށްޔިތުންނަށް އޮޅުވާލުމަށްޓަކައި، އެ ބިމަކީ ދިވެހި ސަރުކާރުގެ ތަނެކޭ ބުނެ
ކަރުދާސް ގަނޑެއްގައި ލިޔެ ކޮންމެސް އޮފީހެއްގައި ފައިލްކޮށްލާފަ ބޭއްވިދާނެ އެވެ.
އެހެންނަމަވެސް އެ ބިމާ އެ ތަރިކައިގެ ޤާނޫނީ ބާރުވެރިކަން އޮންނާނީ ބޭރުގެ
ފަރާތްތަކުގެ އަތްމަތީގަ އެވެ.އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަ
މި މައްސަލައިގައި އިތުރަށް ބުނެފައިވަނީ، ރަސްމާލެ މަޝްރޫއަށް
ކުރާ ބޮޑު ހޭދައިގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ގޯސްވެ، ޑޮލަރުގެ ތާށިކަން އިންތިހާއަށް
ބޮޑުވެފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ އަސާސީ ޚިދުމަތްތަކަށް ކުރަންޖެހޭ ޚަރަދުތައް
ކުޑަކޮށް، މިފަދަ ޝައްކު އުފެދޭ މަޝްރޫއުތަކަށް ފައިސާ ހޭދަކުރުމަކީ ބޮޑު ޚިޔާނާތެއް
ކަމަށެވެ.
މި ސަރުކާރާއި އަބޫދާބީގެ އީގަލް ހިލްސް އާއި ދެމެދު
ރަސްމާލެ 99 އަހަރަށް ދިނުމަށް ހަދާފައިވާ އެއްބަސްވުމުގައި އޮތް އެއްޗެއް ދިވެހި
ރައްޔިތުންނަށް ނުފެނުނު ކަމުގައި ވީނަމަވެސް އީގަލް ހިލްސް އިން ނެރެފައިވާ
ބަޔާނާއި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދެއްވަމުން ގެންދަވާ
ސްޓޭޓްމަންޓުތަކުން ފެންނަނީ މި މަޝްރޫއު ހިންގުމުގެ ފަހަތުގައި ފޮރުވިފައިވާ ޚިޔާނާތާއި،
މަކަރާއި، ހީލަތާއި، އަދި ކޮރަޕްޝަނެވެ. ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި
ހައުސިން މިނިސްޓަރު މުއްތަލިބު ވިދާޅުވަނީ ރަސްމާލޭގެ މި މަޝްރޫއުގެ ތެރެއިން
10 އަހަރު ދުވަހުގެ ތެރޭގައި ދިވެހި ދައުލަތަށް 3 ބިލިއަން ޑޮލަރު ލިބޭނެ
ކަމަށެވެ. މިހިސާބުން ބަލާކަމުގައި ވަނީނަމަ މިއީ މަހެއްގެ މައްޗަށް 25 މިލިއަން
ޑޮލަރެވެ. މާލޭކައިރީގައި ގެސްޓުހައުސް ވިޔަފާރިކުރާ ރަށްތަކަށް ވެސް ރެވެނިޔުގެ
ގޮތުގައި އަހަރަކު 25 މިލިއަނެއްހާ ޑޮލަރު އެބަ ލިބެ އެވެ.އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަ
އެހެންކަމުން، މި މައްސަލަ ފުރިހަމައަށް ތަހުޤީޤުކޮށް،
ދައުލަތުގެ މުދަލާއި ބިމަށް ގެއްލުންވާ ގޮތަށް ހިންގާ މި އަމަލުތައް ހުއްޓުވުމަށް އޭސީސީއަށް
ވަނީ ގޮވާލާފަ އެވެ.
މީގެ އިތުރުން، ދައުލަތުގެ މުދަލަށާއި ފައިސާއަށް
މި ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން މިހާ ފާޅުކަން ބޮޑުކޮށް ޚިޔާނާތްތެރިވެ،
އަދި މި ޚިޔާނާތްތެރިވުން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދަނީ އޭސީސީ ފަދަ
މުއައްސަސާތަކަށް ޤާނޫނުން މަތިކޮށް ލާޒިމްކޮށްފައިވާ ޒިންމާ ފުރިހަމަޔަށް އަދާ
ނުކުރާތީކަމަށް ރައްޔިތުން ބުނަމުންދާކަމަށް ވެސް މައްސަލައިގައި ބުނެފައިވެ އެވެ.