ރަސްމާލެ މަޝްރޫއުގެ ދަށުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ތަރައްގީކުރާ ސަރަހައްދުގެ މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އަލުން 99 އަހަރުގެ މުއްދަތު ގުނަން ފަށާނެ ކަމަށް ބުނެފައިވާ ބައި އެ ކުންފުނިން ނެރުނު ބަޔާނުން އުނިކޮށްފި އެވެ.

ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއި ކުރުމަށްފަހު، އެ މަޝްރޫއާ ގުޅޭގޮތުން އެ ކުންފުނިން އާންމުކޮށްފައިވާ މައުލޫމާތުގައި ބަޔާންކޮށްފައި އޮތީ، އެ މަންޒިލްގައި ހިމެނޭ ތަންތަން ދޫކުރެވޭނީ ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، 99 އަހަރާ ހަމައަށް ދެމިގެންދާ ދިގު މުއްދަތުގެ ކުލީގެ އުސޫލުން ކަމަށެވެ. އަދި ވިއްކުމުގެ ސަބަބުން ނުވަތަ ވާރުތަވުމުގެ ސަބަބުން މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު، އަލުން 99 އަހަރުގެ އައު މުއްދަތެއް ފެށިގެންދާނެ ކަމަށާއި، މީގެ ސަބަބުން އެކި ޖީލުތަކަށް ދެމިގެންދާނޭ ކަމަށް ވެސް ކުރިން ބުނެފައިވެ އެވެ.


ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ސަރުކާރުން އެއްބަސްވުމަށްފަހު، 99 އަހަރުގެ އައު މުއްދަތެއް ފެށިގެންދާނެ ކަމަށް ބުނެ ކުރިން ލިޔެވެފައިވާ ގޮތް|އީގަލް ހިލްސް
ނަމަވެސް، މިހާރު އެ ބަޔަށް ބަދަލު ގެނެސް އާންމުކޮށްފައިވާ އައު މައުލޫމާތުގައި ބުނެފައިވަނީ، މި މަންޒިލްގައި ހިމެނޭ ޕްރޮޕަޓީތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، 99 އަހަރާ ހަމައަށް ދެމިގެންދާ ދިގު މުއްދަތުގެ ކުލީގެ އުސޫލުން ކަމަށެވެ. އެގޮތުން ދޫކުރެވޭ ހައްގުތަކަކީ އެހެން ފަރާތްތަކަށް ބަދަލުކުރެވޭ އަދި ވާރުތަކުރެވޭނެ ހައްގުތަކެއް ކަމަށެވެ. އަދި މިފަދައިން ކުރެވޭ ކޮންމެ ބަދަލެއް ކުރަންވާނީ ސަރުކާރުގެ ހުއްދަ ހޯދުމަށްފަހު ރަސްމީކޮށް ރަޖިސްޓަރީ ކުރެވިގެން ކަމަށް ފަހުން ބަދަލު ކުރި މައުލޫމާތުގައި ބުނެފައި ވެއެވެ.

ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ސަރުކާރުން އެއްބަސްވުމަށްފަހު، 99 އަހަރުގެ އައު މުއްދަތެއް ފެށިގެންދާނެ ކަމަށް ބުނެފައިވާ ބައި ފަހުން ބަދަލުކޮށްފައި|އީގަލް ހިލްސް
އެހެންކަމުން، ކުރިން އޮތް ގޮތަށް ކޮންމެ ފަހަރަކު އަލުން 99 އަހަރު ގުނަން ފަށާ ވާހަކަ މިހާރު ވަނީ އެއްކޮށް އުނިކޮށްފަ އެވެ.
ރަސްމާލެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށާއި، އިޤްތިސާދީ އައު ފުރުސަތުތައް ފަހިކޮށްދެއްވުމަށްޓަކައި ފަށްޓަވާފައިވާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ބުނަމުން އައި މަޝްރޫއެވެ. ނަމަވެސް ކުއްލިއަކަށް ފެނިގެންދިއައީ މި މަޝްރޫއުގެ ބޮޑު ބައެއް އީގަލް ހިލްސް އަށް 99 އަހަރަށް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރިތަނެވެ. ބެލެވޭ ގޮތުގައި އެބައި މިހާރު އުނިކޮށްފައި އެވަނީ ރައްޔިތުން އެވާހަކަ ދައްކަން ފެށުމާ ގުޅިގެންނެވެ. އާންމުންގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން ގެނައި މި ބަދަލަކީ އޮޅުވާލުމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ.