ދީނާއި ގައުމަށް ޣައްދާރުވެރިވުމުގެ ނަތީޖާ ޚުދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ވެސް ވަރަށް ހިތިވާނެ ކަމަށް އަދާލަތު ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޝެއިޚް ޢިމްރާން މިހެން ވިދާޅުވީ އެކްސް ގައި ހޯމަ ދުވަހު ކުރެއްވި ޕޯސްޓެއްގަ އެވެ.

އެމަނިކުފާނު ވިދާޅުވީ، ނިއުޅެމުންދާ އަޑިނޭނގޭ ކަންކަމަށް ބަލާއިރު، ދިވެހި ޤައުމުގެ ހިމާޔަތުގައި ސިޔާސީ ފިކުރުތައް އެއްކިބާކޮށް ދިވެހި ރައްޔިތުން ތެދުވަންވީ ވަގުތު އަނެއްކާވެސް ޖެހިއްޖެ ކަމަށެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ ވޭތުވެދިޔަ ދިގު ތާރީޚުގައި ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލަށް ގޮންޖެހުންތައް ކުރިމަތިވި ކޮންމެ ހިނދެއްގައިވެސް ދިވެހި ރައްޔިތުން ވަނީ އެކަންކަމާ ދެކޮޅަށް ތެދުވެ ގައުމު ހިމާޔަތްކޮށްފައި ކަން އިމްރާން ފާހަގަކުރެއްވި އެވެ.

"ވަކިން ޚާއްސަކޮށް މިރާއްޖޭގެ ފަހުގެ ތާރީޚަށް ބަލާލީމާ ރައީސް މުއިއްޒަށް ސާފުވެވަޑައިގަންނަވަންވާނެ އެއްކަމަކީ ދީނާއި ގައުމަށް ޣައްދާރުވެރިވުމުގެ ނަތީޖާ ޚުދު އެމަނިކުފާނަށްވެސް ހިތިވާނެކަން،" ޝެއިޚް އިމްރާންގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

ޝެއިޚް އިމްރާން މިފަދައިން ވިދާޅުވެފައި މިވަނީ، މުއިއްޒު ސަރުކާރުން ރަސްމާލޭގެ 500 ހެކްޓަރުގެ ބިމެއް 99 އަހަރަށް އީގަލް ހިލްސް އަށް ދީފައިވާ މައްސަލާގައި އިދިކޮޅު ފަރާތަތްކަުންނަށް ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މިހާތަނަށް އެއްވެސް ތަފްސީލެއް ހާމަ ކޮށްފައި ނުވާ މި އަޑި ނޭނގޭ އެއްބަސްވުމުން ދިވެހި ސަރުކާރުން އެ ކުންފުންޏަށް ދެނީ ވަގުތުން ޗެކެއް ލިބޭ ގޮތަކަށް ނޫންކަމަށާއި އެކަމުގެ ފައިދާ ކުރާނީ އެތައް އަހަރެއް ފަހުން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވާއިރު، ރައީސް މުއިއްޒު ވިދާޅުވީ އެތައް ދިނީ ކުއްޔަށް ކަމަށެވެ. މިވާހަކަތަކުގައި ފުށުއެރުން ތަކެއް ހުރިއިރު، މާލީ ތަޖްރިބާކާރުންނާ އިދިކޮޅު ފަރާތްތަކުން ގޮވާލަމުން ދަނީ މި އެއްބަސްވުން އޮޑިޓް ކުރުމަށާއި ސާފުކޮށް މިކަމުގެ ހަގީގަތް ހާމަ ކުރުމަށެވެ. 

އަދި މި އެއްބަސްވުން ބާތިލު ކުރުމަށް ސްޕްރީމް ކޯޓަށް ވެސް ވަނީ ހުށަހަޅާފަ އެވެ.