އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް އެއްވެސް އިސްނެގުމެއް ނަގާފައި ނުވާތީ ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

އެ އެސޯސިއޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޤައުމުގެ މުސްތަޤްބަލް ބައްޓަންކުރުމުގައި އެންމެ ބުރަ މަސައްކަތްކުރާ މުރާލި އެދުރުންގެ އަގު، ޤައުމީ ފެންވަރުގައި ވަޒަންކޮށްލުމަށް މިނިސްޓްރީގެ ސަފުހާތަކުން ޖާގައެއް ނުލިބޭ ކަމަށެވެ. 

ސްކޫލްތަކުގެ ފުރާޅުތަކުގެ ދަށުގައި، ލޯބިވާ އެދުރާރުންގެ އަގުވަޒަންކުރުމުގެ މަލާފާތްތައް ކުލަގަދަކޮށް އަތުރާލެވުނު ކަމުގައި ވިޔަސް، މުޅި ޤައުމުގެ ނަމުގައި ތަޢުލީމީ މިނިސްޓްރީގެ ފަރާތުން މި ފަޚުރުވެރި ދުވަސް ފާހަގަކުރުމަށް އެއްވެސް އިސްނެގުމެއް ނެތި، ހިމޭންކަން އިޚްތިޔާރުކޮށްފައިވާ ކަމަށް ޓީޗަރސް އެސޯސިއޭޝަނުން ބުނެފައިވެ އެެވެ. އަދި މިއީ ނުހަނު ފުން އަސަރާއެކު ފާހަގަކުރަންޖެހޭ ހަޤީޤަތެއް ކަމަށް ބުނެފައިވެ އެވެ.

ޤައުމީ ފެންވަރުގައި ވަޒަންކޮށްލުމަށް މިނިސްޓްރީގެ ސަފުހާތަކުން ޖާގައެއް ނުލިބި ދިޔުމަކީ، އެ މާތް ޚިދުމަތްތެރިންގެ ހިތްތަކަށް ލިބިގެންދިޔަ ނުހަނު ބޮޑު މާޔޫސްކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ޓީޗަރުންގެ ދުވަހަކީ މުދައްރިސުންގެ އަގުވަޒަންކޮށް، ކިޔަވައިދިނުމުގެ މުހިއްމުކަން ފާހަގަކުރުމަށް ކަނޑައަޅާފައިވާ ދުވަހެކެވެ. ދުނިޔޭގެ ފެންވަރުގައި މި ދުވަސް ފާހަގަކުރަނީ އޮކްޓޫބަރު 5 ވަނަ ދުވަހު އެވެ.

ޓީޗަރުންގެ ދުވަހަކީ އަބަދުވެސް ރާއްޖޭގައި ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. ޓީޗަރުންގެ އަގު ވަޒަންކޮށް އެމީހުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ފާހަގަ ކުރާ ޓީޗަރުންގެ ދުވަހުގައި ދަރިވަރުންނާއި ބެލެނިވެރިން އަދި ސްކޫލުތަކުން އުފާ ފާޅުކޮށް ތަފާތު ހަރަކާތްތައް ކުރިއަށްގެންދެ އެވެ.