ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް މާލެ ސިޓީ ކައުންސިލްގެ ބައެއް އިދާރީ މަސައްކަތްތަކާއި ޚިދުމަތްތައް ހިންގާ ބިމެއް ކަމަށްވާ ތައިސޭކޮށީގައި ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ފަށައިފި އެވެ.

އެމްޑީޕީގެ ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތުގެ ތެރެއިން
އެމްޑީޕީގެ ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތުގެ ތެރެއިން

އެމްޑީޕީގެ ކޮންގްރެސްއަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ރާއްޖެއެމްވީއަށް ދެއްވި އިންޓަވިޔުއެއްގައި އެ ޕާޓީގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހީމް ވިދާޅުވީ، އެ ސަރަހައްދުގައި ޓެންޓު ޖެހުމާއި އެހެނިހެން އިންތިޒާމުތައް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

އަންވަރު ވިދާޅުވީ، ކޮންގްރެސްގެ ސެޝަންތައް ބޭއްވުމަށާއި، އިވެންޓްތަކަށް ޖުމްލަ ތިން ޓެންޓެއް އެ ގޯތިތެރޭގައި ޖަހާނެ ކަމަށެވެ. 

މީގެ ތެރޭގައި ކޮންގްރެސްގެ ސެޝަންތަކާއި ޖަލްސާތައް ބާއްވާ ޓެންޓުގެ އިތުރުން، އިންވެސްޓްމެންޓް ފޯރަމަށް ޚާއްސަ ޓެންޓަކާއި ކެއިންބުއިމުގެ އިންތިޒާމުތަކަށް ޚާއްސަ ޓެންޓެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެމްޑީޕީގެ ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތުގެ ތެރެއިން

އެމްޑީޕީގެ ކޮންގްރެސްއަށް ތައްޔާރުވުމުގެ މަސައްކަތުގެ ތެރެއިން|ރާއްޖެއެމްވީ

އަންވަރު ވިދާޅުވީ ކޮންގްރެސް ބޭއްވުމަށް މާލެ އަދި ހުޅުމާލެއިން ހުސްބިމެއް ހޯދުމަށް އެދުނު ނަމަވެސް އެކަން ހަމަނުޖެހުމުން، ސިޓީ ކައުންސިލްގައި އެދިގެން ތައިސޭކޮށި ހަމަޖެހުނީ ކަމަށެވެ. އަދި މިކަމުގައި މާލެ ސިޓީ ކައުންސިލްގެ ޕީއެންސީ ކައުންސިލަރުންނާއި ހުރިހާ ކައުންސިލަރުންގެ ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

އަޅުގަނޑުމެން އެދުނީ ހަމަ ވަރަށް ގިނަ ތަންތަން. ދެން މި ކަހަލަ ކަމެއް ބޭއްވޭނެ މާލޭގައި، މާލޭ އޭރިއާގެ ތެރޭގައި ހުރި ހުރިހާ ތަނެއްކަން ވެސް އެދުނީ، ޕާޓީން އެދިފައި އޮތް. އެހެންނަމަވެސް ހުޅުމާލެއިން ވެސް ތަނެއް ހަމަ ހުސްބިމެއް ވެސް ނުލިބުނު. ނުލިބުނީމާ ދެން ސިޓީ ކައުންސިލްގައި އަޅުގަނޑުމެން މި އެދުނީ. ސިޓީ ކައުންސިލްގެ ގޯތިތެރޭގައި މިކަން ކުރެވުމަށް. ދެން އަޅުގަނޑު މިދަނޑިވަޅުގައި ފާހަގަކޮށްލަން ޕީއެންސީ ކައުންސިލަރުން ވެސް ވަރަށް އެއްބާރުލުން އެބަދޭ އަޅުގަނޑުމެންގެ މި އިވެންޓަށް. މި ކޮންގްރެސް ބޭއްވުމަށް. އެ ބޭފުޅުންގެވެ ސް ހަމަ އެއްބާރުލުން އެތައް މަދު ކައުންސިލަރުން ކަމުގައި ވިޔަސް، އެ ބޭފުޅުންގެ ހުރިހާ މީހުންގެ އެއްބާރުލުމާ އެކީގައި، ހުރިހާ ކައުންސިލަރުންގެ ވެސް އެއްބާރުލުމާ އެކީގައި
އަންވަރު އިބްރާހީމް 

މީގެ އިތުރުން ޓެންޓުތަކާއި ސައުންޑް އަދި ލައިޓިން ފަދަ ކަންކަން ހަމަޖައްސައިދެނީ ޕާޓީގެ ސަޕޯޓަރުންނާއި ވޮލަންޓިއަރުންގެ އެހީތެރިކަމާއެކު ކަމަށާއި، ޕާޓީން މައިގަނޑު ގޮތެއްގައި ކުރަނީ ލޮޖިސްޓިކްސް އަދި ޓްރާންސްޕޯޓުގެ ޚަރަދުތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންވަރު ވިދާޅުވީ، އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުގެރޭ ކޮންގްރެސް ފެށުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި މަހުގެ 30 ވަނަ ދުވަހުގެރޭ ރިހާސަލް ބާއްވާނެ ކަމަށެވެ. ކޮންގްރެސްގެ ފުރަތަމަ ޖަލްސާ ޕާޓީގެ ހުރިހާ މެންބަރުންނާއި ސަޕޯޓަރުންނަށް ހުޅުވާލައިގެން ބާއްވާއިރު، ބޭރުގައި ތިބޭ ފަރާތްތަކަށް ސްކްރީނު މެދުވެރިކޮށް މަންޒަރު ފެންނާނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ވޯޓުލުން ކުރިއަށްދާ ސެޝަންތަކަށް ވަދެވޭނީ ހަމައެކަނި ކޮންގްރެސްމަނުންނަށް ކަމަށް އަންވަރު ވިދާޅުވި އެވެ. 

އެމްޑީޕީން ބުނީ، މި ކޮންގްރެސްގައި ބައިވެރިވުމަށް 980 އަށް ވުރެ ގިނަ މަންދޫބުން ރަޖިސްޓްރީވެފައިވާ ކަމަށެވެ. އަދި ކޮންގްރެސްގެ ތެރޭގައި ޚާއްސަ އިންވެސްޓްމަންޓް ފޯރަމެއް ވެސް ކުރިއަށްދާނެ އެވެ. އަދި މިފޯރަމްގައި ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ 100 ވިޔަފާރީގެ ޕްރޮޖެކްޓަށް ވިޔަފާރިވެރިންނަށް އިންވެސްޓުކުރެވޭނެ ކަމަށް އެމްޑީޕީން ބުނެ އެވެ.