900 އަހަރު ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެ ޔަހޫދީންގެ ވަޒަނަކަށް ހަދަން ފުރުސަތު ދީގެން ނުވާނެ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އަބޫދާބީގެ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސް އާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިއްރުން ހެދި ޑީލުގެ އިންވެސްޓްމަންޓާ ބެހޭ ގޮތުން އެކްސްގައި ނުހުރުން ފާޅުކުރައްވަމުން މެމްބަރު އައްބާސް ވިދާޅުވީ، "މި ދިވެހި ފަސްގަނޑު މަކަރުވެރި، އަނިޔާވެރި ޔަހޫދީންގެ ވަޒަނަކަށް ހަދަން ފުރުސަތު ދެވިގެން ނުވާނެ!" ކަމުގަ އެވެ.

"100% މުސްލިމު ޤައުމެއް ގޮތުގައި އޮންނަތާ 900 އަހަރަށް ވުރެ ގިނަދުވަސްވީ މި ދިވެހި ފަސްގަނޑުގައި މަކަރުވެރި، އަނިޔާވެރި ޔަހޫދީންގެ ވަޒަން ހަދަން ފުރުސަތު ދެވިގެން ނުވާނެ!" އައްބާސް ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ، މިކަމާ ދެކޮޅަށް ދިވެހި ކޮންމެ ރައްޔިތަކު ބަސްބުނެ، މި މަޝްރޫއު ހުއްޓުވަން ޖެހޭނެ ކަމުގަ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ސިއްރުން ހެދި މި ޑީލް އާ ގުޅިގެން ގިނަ ބަޔަކު ގެންދަނީ މީސް މީޑިއާގައި ނުރުހުން ފާޅު ކުރަމުންނެވެ. ނުރުހުން ފާޅުކުރަމުން ގެންދާ ފަރާތްތަކުގެ ތެރޭގައި ސިޔާސީ ދާއިރާގެ ފަރާތްތަކާއި، ދީނީ އިލްމްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، އަދި ގިނަ އަދަދެއްގެ އާންމުން ހިމެނެ އެވެ.