ގޭންގު މާރާމާރީތަކުގައި އުޅުނު ގިނަ ޒުވާނުން މިހާރު އެކަމުގައި ނޫޅޭ ކަމަށާއި އެ ޒުވާނުން މިފަދަ ކަންކަމުން ދުރުވާން މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. 

އާދިއްތަ ދުވަހުރޭ ރައީސް އޮފީހުން ބޭއްވި "އަހާ ފޯރަމް" ގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ގޭންގުތަކުގެ މައްސަލައަކީ ވަރަށް ޒާމާންވީ މައްސަލައެއް ކަމަށެވެ. އެގޮތުން، 2007 ވަނަ އަހަރުން ފެށިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަންވަންދެން ކޮންމެ އަހަރަކު 2 ނުވަތަ 3  ޒުވާނުންގެ ފުރާނަ ގޭންގް މާރާމާރީގައި ގެއްލެމުން ދިޔަ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ. 

ގޭންގް މާރާމާރީތަކަށް ދާއީމީ ހައްލެއް ހޯދުމަށްޓަަކައި އެންމެ ފުރަތަަމަ ވެސް ގޭންގުތައް ހިންގާ އޮޕަރޭޓް ކުރަމުން އަންނަ ތަންތަނުގައި ތިބޭ މީހުންނަށް ވުރެ ގިނަ ފުލުހުން އެތަންތަނުގައި ބައިތިއްބާފައިވާނެ ކަމަށް އިހުސާން ވިދާޅުވި އެވެ. 

އެހެންކަމުން، އެތަންތަނުގައި މީގެ ކުރިން އުޅުނުހެން މިނިވަންކޮށް މިހާރު ނޫޅެވޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

އެމީހުންނަށް އަޅުގަނޑުމެން ދީފައި ވާނެ ޗޮއިސްއެއް، އެ ޗޮއިސްއަކީ ހިނގާށޭ ޒުވާން ކުދީންނޭ ތީ އެހެންވީމަ ކުރިމަގު އަދި އެބައޮތެއް ނޫންހެއްޔޭ މިކަމުން ދުރުހެލިވެ ރަނގަޅު ގޮތުގައި ދިވެހިރާއްޖެއަށް ފައިދާ ހުރި ގޮތުގައި ވިޔަފާރިތަކުގައި އުޅެ ވަޒީފާތަކަށް ދާން އެ ފުރުސަތު މިހާރު ދީފަ އޮންނާނެ. އުފަލަކީ އޭގެތެރެއިން ވަރަށް ގިނަ ކުދިން ހިޔާރު ކުރީ އެ މަގު 
އަލީ އިހުސާން

މިނިސްޓަރު އިހުސާން ވިދާޅުވީ މިހާތަނަށް 52 ޓާގެޓެޑް ގޭންގް އޮޕަރޭޝަންތައް ހިންގާފައިވާނެ ކަމަށާއި އޭގެތެރެއިން 10،050 އެއްހާ މީހުން ޗެކުކޮށް، 517 މީހުން ހައްޔަރުކޮށްފައިވާނެ ކަމަށެވެ. އަދި އެމީހުންނާ ގުޅޭ 672 ސައިކަލެއް ވެސް ނިމިދިޔަ 2 އަހަރެއްހާ ދުވަސް ތެރޭގައި ޓޯކުރިވިފައިވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން މިކަމުގެ ނަތީޖާ ވެސް ފެންނަމުންދާ ކަމަށް އިހުސާން ވިދާޅުވި އެވެ. 

ނަތީޖާއަކީ މީގެ ކުރިން ފަލަސުރުހީތަކުން ފެންނަ ގޮތަށް އެތަނުން ވަޅި ޖަހައިފި މިތަނުން ޖަހައިފި މިހެން ތަޅާ މަރަނީ އެހެން ތަޅާ މަރަނީ މި ވާހަކަތައް މަދު ވާނެ މިހާރު ހަމައެއާއެކު އަޅުގަނޑުމެން ސަރުކާރުގައި ފާއިތުވި 3 އަހަރު ތެރޭގައި މާތްﷲ އިރާދަފުޅާއެކު އަދި އެއްވެސް ދިވެހި ރައްޔިތެއްގެ ފުރާނަ ގޭންގް މާރާމާރީއެއްގައި ގެއްލިފައި ނުވާނެ. މީގެ ތެރޭގައި އުޅުނު ޒުވާނުން ވެސް ވަރަށް ބޮޑަށް އަޅުގަނޑުމެން ދިން ނަސޭހަތާއި އަޅުގަނޑުމެން މި ގައިޑްކޮށްދޭ ދިނުން ގަބޫލުކޮށްގެން އެކުދިން ވެސް މީގެން ދުރުވާން ވަރަށް ބޮޑަށް މަަސައްކަތް އެބަ ކުރޭ
އަލީ އިހުސާން

އިހުސާން އިތުރަށް ވިދާޅުވީ، 10 ގޭންގު ލީޑަރެއްގެ މައްސަލަ ނިމިދިޔަ ޖޫން މަހުން ފެށިގެން ބަލަމުންދާ ކަމަށެވެ.