މާލޭގެ މަގުތަކަކީ އަމާން، ރައްކާތެރި އަދި ހިނގާބިނގާވެ އުޅުމަށް ފަސޭހަ ތަނަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން ބުރަ މަސައްކަތްތަކެއް ކުރާ ކަމަށާއި، މި އަހަރުގެ މިހާތަނަށް މާލޭގެ 180 މަގެއް މަރާމާތުކޮށް ނިންމާފައިވާ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލްގެ ރޯޑް މެނޭޖްމަންޓް ސެކްޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި 12 މަގެއް މަރާމާތުކޮށްފައިވާއިރު، ފެބްރުއަރީ މަހު 23 މަގެއް ވަނީ މަރާމާތުކޮށްފަ އެވެ. އަދި މާރިޗު މަހު 28 މަގު، އޭޕްރީލް މަހު 15 މަގު، މެއި މަހު 20 މަގު، ޖޫން މަހު 19 މަގު އަދި ޖުލައި މަހު 18 މަގެއް ވަނީ މަރާމާތުކޮށްފަ އެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ މަގު މަރާމާތުކޮށްފައިވަނީ ނިމިދިޔަ އޮގަސްޓު މަހުގަ އެވެ. އެ މަހުގެ ތެރޭގައި އެކަނި ވެސް 45 މަގެއް ވަނީ މަރާމާތުކޮށް ނިންމާފަ އެވެ.
މީގެއިތުރުން، މިހާރު ވެސް މާލޭގެ ތިން މަގެއް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި މޭޔަރު އާޒިމް ވިދާޅުވީ، މަގުތަކާއި މަގުތަކުގެ ޕޭވްމަންޓްތައް މަރާމާތުކުރުމުގެ މަސައްކަތަކީ އާންމު ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އިސްކަންދީގެން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.
އެގޮތުން މި އަހަރުގެ މިހާތަނަށް މާލޭގެ 180 މަގެއް މަރާމާތުކޮށް ނިންމާފައިވާ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ. އަދި މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަކީ ކައުންސިލްގެ މުހިންމު އަމާޒެއް ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.
ވެރިރަށް މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކޮށް، އަމާން ވެއްޓެއް ގާއިމުކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން މެދުނުކެނޑި މި މަސައްކަތް ކުރަމުން އަންނައިރު، ކުރިއަށް އޮތް ތަނުގައި ވެސް މި މަސައްކަތްތައް ކުރިއަށްވުރެ ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން މޭޔަރު އާޒިމް ދެއްވި އެވެ.