އީގަލް ހިލްސް ކުންފުންޏާއެކު އިތުރު އެއްބަސްވުންތަކެއްގައި ސޮއިކުރުމުގެ ކުރިން ނުވަތަ އެ މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުމުގެ ކުރިން، އޮޑިޓަރ ޖެނެރަލް މިހާރުން މިހާރަށް އެ އެއްބަސްވުން އޮޑިޓް ކުރެއްވުމަަށް އިގުތިސާދީ އަދި މާލީ ތަޖުރިބާކާރު އިސްމާއީލު ޒަރިޔަންދު ގޮވާލައްވައިފި އެވެ.
ޒަރިޔަންދު އެކްސްގައި ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއުގެ އިގްތިސާދީ ފައިދާއާއި ޚަރަދާ އެކަށޭނަ މިންވަރާއި، ނަތީޖާ ނެރެވޭނެ މިންވަރުގެ އިތުރުން ޤައުމުގެ ދާޚިލީ މަސްލަހަތަށް ކުރާނެ އަސަރުތަކާމެދު މިނިވަން ނަޒަރަކުން ދެކޭގޮތް ރައްޔިތުންނަށް ސާފުވާން ހައްގުވެ އެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އޮޑިޓް ޤާނޫނުން އޮޑިޓަރ ޖެނެރަލަށް މަތިކޮށްފައިވާ ޒިންމާތަކުގެ ދަށުންނާއި، އޮޑިޓް ސްޓޭންޑަޑްސް މިންގަނޑުތަކަށް ރިއާޔަތްކުރައްވައި، އޮޑިޓަރ ޖެނެރަލް މި އެއްބަސްވުން މިހާރުން މިހާރަށް އޮޑިޓް ކުރެއްވުމަށް ޒަރިޔަންދު ގޮވާލެއްވި އެވެ.
ބައިނަލްއަޤްވާމީ އޮޑިޓިންގ މިންގަނޑުތަކަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، އައިއެސްއެސްއޭއައި 3000 ނުވަތަ ޕަރފޯމަންސް އޮޑިޓް އިން އޮޑިޓަރުންނަށް އިރުޝާދުދެނީ، ނުރައްކާތަކާއި މައްސަލަތައް ދެނެގަތުމަށާއި، ފާހަގަކޮށްލެވޭ އަދި އޮޑިޓްކުރެވޭ ފަދަ މުހިންމު ކަންކަމަށް ސަމާލުކަން ދިނުމަށާއި، އެކަށީގެންވާ ވަގުތަށް ރިއާޔަތްކުރުމަށް ކަމަށެވެ. މި ހާލަތަށް މި އުސޫލު ފައްތާއިރު، ޚަރަދުކުރެވޭ ފައިސާއަށް އެކަށީގެންވާ އަގު ނުވަތަ ފައިދާ ލިބޭތޯއާއި، ނުރައްކާތައް ހިއްސާކުރެވޭ މިންވަރާއި، އާންމު މަސްލަހަތާއި، މާލީ ގޮތުން ދައުލަތަށް އޮތް ބުރައާއި، އަދި ރައްޔިތުންގެ ހައްގުތަކާއި މަސްލަހަތު ދައުލަތުން ފުރިހަމައަށް ހިމާޔަތްކޮށްފައިވޭތޯ ބަލަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން، އައިއެސްއެސްއޭއައި 4000 ނުވަތަ ކޮމްޕްލަޔަންސް އޮޑިޓް އިން ބަލަނީ ސަރުކާރުގެ އަމަލުތަކާއި އެއްބަސްވުންތައް ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކާއި ބައިނަލްއަޤްވާމީ މުއާހަދާތަކާއި އަދި އެއްބަސްވެވިފައިވާ މާއްދާތަކާ އެއްގޮތްވޭތޯ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އިންޓޮސައި ގައިޑް 5280 ގެ 56 ވަނަ މާއްދާއާ ހަވާލާދެއްވައި ޒަރިޔަންދު ވިދާޅުވީ، ބޮޑެތި އިމާރާތްކުރުމުގެ މަޝްރޫއުތަކާއި، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްތަކާއި އަދި ކޮންސެޝަން އެއްބަސްވުންތައް ހިމެނޭހެން، ދިގު މުއްދަތުގެ އޮޅުންބޮޅުން ބޮޑެތި މަޝްރޫއުތައް އާންމުކޮށް އޮޑިޓްކުރަނީ ކުރީކޮޅުގައި، މަޝްރޫއު ފެށުމުގެ ކުރިން ނުވަތަ އެ މަސައްކަތް ހިނގަމުންދާ ދަނޑިވަޅުގައި ކަމަށެވެ.
ޒަރިޔަންދު އިތުރަށް ވިދާޅުވީ މިއީ ބައިނަލްއަޤްވާމީ އޮޑިޓް އިރުޝާދުގައި ބަޔާންކޮށްފައިވާ "މަޝްރޫއުގެ ކުރީކޮޅުގެ މަރުހަލާ" ކަމަށްވާތީ، މި ދަނޑިވަޅުގައި މި އޮޑިޓް ހިންގުމަކީ ޤައުމީ މަސްލަހަތަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ކަމަށެވެ.