ދިވެހި ޤައުމުގެ ބޮޑު ބައެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭރުގެ ބަޔަކަށް ދިނުމާ ގުޅިގެން، ގައުމުގެ އިސްތިޤްލާލާއި މިނިވަންކަން ދެމެހެއްޓުމަކީ ކޮންމެ މުވާޠިނެއްގެ މައްޗަށް ވާޖިބުވެގެންވާކަމެއް ކަމުގައި ރާއްޖޭގެ ދީނީ އިލްމުވެރިއެއް ކަމުގައިވާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.

"ޤައުމުގެ އިސްތިޤްލާލާއި މިނިވަންކަން ދެމެހެއްޓުމަކީ ކޮންމެ މުވާޠިނެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް،" ޑރ. އިޔާޒް ވިދާޅުވި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. އިޔާޒް ވިދާޅުވީ، ދިގު މުއްދަތަކަށް ރާއްޖޭގެ ބައެއް ބޭރުބަޔަކަށް ކުއްޔަށް ދިނުމަކީ ޤައުމުގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށް ގިނަބަޔަކު ބުނަމުންދާއިރު، އަދި އެކަމުގެ ފުރަގަހުގައި އަޑިނޭނގޭ އެތަށް ކަމެއް ހުރިކަމަށް ތުހުމަތު ކުރެވެމުންދާއިރު އެކަންކަމުގެ ޙަޤީޤަތް ބަޔާންކޮށް ސާފުކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް ކަމުގަ އެވެ.

އެއްވެސް ކަމެއް ނުފޮރުވާ ހާމަކަން ބޮޑު ގޮތެއްގައި ވެރިކަން ކުރައްވާނެކަމަށް ވަނީ ވަޢުދުވެވަޑައިގެންފައި ކަން ޑރ. އިޔާޒް ފާހަގަ ކުރެއްވި އެވެ.

"ވަޢުދާއި އެއްގޮތަށް ޢަމަލުކުރެއްވުމަށް ރައީސަށް އިލްތިމާސް ކުރަން." ޑރ. އިޔާޒް ވިދާޅުވި އެވެ. 

އެއްވެސް ކަމެއް ރައްޔިތުންނަށް ނުފޮރުވާނެ ކަމަށާއި، ސިއްރުކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންގެ ގާތު ވިދާޅުވި ވާހަކަތަކުގެ ތެރޭގައި ހިމެނެ އެވެ. އެހެން ނަމަވެސް ސަރުކާރަށް 3 އަހަރު ފުރެން ކައިރިވެފައިވާއިރު، މި ފަހަކަށް އައިސް މުޅިން ވެސް ފެންނަނީ ބޮޑެތި ޑީލުތައް ސިއްރުން ނިންމުމަށްފަހު ކުއްލި ގޮތަކަށް ރައްޔިތުންނަށް ހާމަކުރަމުން ގެންދާ މަންޒަރެވެ.

އެ ގޮތުން އެންމެ ފަހުން ފެންމަތިވީ، ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ އީގަލްސް ހިލްސް ކިޔާ ކުންފުންޏަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ދައުލަތައް ލޯ ލާރިއެއްވެސް ނުލިބި ދިން މައްސަލަ އެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.