ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ނޭޕާލްއަށް ނިސްބަތްވާ ދެ މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ނޭޕާލް އަށް ނިސްބަތްވާ އެ މީހުން ހައްޔަރުކުރީ ރާއްޖެއައި އިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެމީހުން ހައްޔަރުކުރީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެ އެވެ.
އެއީ 47 އަހަރުގެ ނިއްކަ ތަމަންގް ނަމަކަށް ކިޔާ ފިރިހެނަކާއި، 40 އަހަރުގެ އީތްރާނީ ގަލެ ނަމަކަށް ކިޔާ އަންހެނެއް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 142 ބުލެޓް ފެނިފައިވާ ކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަން 1.5 ކިލޯއަށްވުރެ ގިނަ އެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.