ތޫނު އެއްޗަކުން ހަމަލާ ދީ އައްޑޫ ހިތަދޫ، ވަރުދީގޭ އަހުސަން ބަޝީރު މަރާލި މައްސަލައިގައި ކުށް ސާބިތުވެފައިވާ އިބްރާހީމް ޝަހުމްގެ މައްޗަށް އިއްވި މަރުގެ ހުކުމް ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައެޅުމުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ނިންމާލައިފި އެވެ.

ހޯމަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ
ހުކުމް ކުރެއްވުމުގެ ކުރިން ސާފުކުރަންޖެހޭ ކަންކަން ސާފު ކުރުމަށް ބޭއްވި އަޑުއެހުމެކެވެ.

މި އަޑުއެހުމުގައި ދައުލަތާއި ޝަހުމްގެ ފަރާތުން
ވަނީ ފަނޑިޔާރުން މީގެ ކުރިން ކުރައްވާފައިވާ ސުވާލުތަކާ ގުޅިގެން ޖަވާބު ދެއްވާފަ
އެވެ.

އެއަށްފަހު ފަނޑިޔާރުން ވަނީ ދެފަރާތަށް ވެސް ވާހަކަ
ދެއްކުމުގެ ފަހު ފުރުސަތެއް ދެއްވައި، މައްސަލައިގެ އަޑުއެހުންތައް ނިންމަވާލައްވާފަ
އެވެ.

އެހެންކަމުން ދެން އޮންނާނީ މި މައްސަލައިގެ
ހުކުމް ކުރުމަށް ބާއްވާ އަޑުއެހުމެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ
ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު
އަލީ ރަޝީދު ހުސައިން، ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު މުހައްމަދު
ސަލީމު އެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވާ މއ. ވީނަސްތަރި، ހަސަން ޝިމާޒް މުހައްމަދު ސުވާދުއާއި، ގ. ކޯޒީ އިބްރާހީމް ޝަހުމް އާދަމްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް 2014 ވަނަ އަހަރު ކުރި މި ހުކުމް އިސްތިއުނާފުކޮށް، ދާދި ފަހުން ހައިކޯޓުން ވަނީ އެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާފަ އެވެ.

އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމާފައިވަނީ މަރުމަތީގައި ބުނި ބަސް ނުވަތަ ޑައިންގ ޑިކްލަރޭޝަން އަށް ބިނާކޮށްގެންނެވެ. އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމަވައި ފަނޑިޔާރު ވިދާޅުވީ، މަރުން ސަލާމަތްވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް މީހަކު މަރު މަތީގައި ދައްކާ ވާހަކައަށް ގިނަ ޤައުމުތަކުގެ ކޯޓުތަކުން ރިއާޔަތް ކުރާ ކަމަށެވެ.

އަދި އަހުސަން މަރުވުމުގެ ކުރިން ހޮސްޕިޓަލްގައި އޮވެގެން ބައެއް މީހުންގެ ގާތުގައި އޭނާ މަރާލާފައިވަނީ މި މައްސަލައިގައި ދައުވާލިބޭ 2 މީހުންކަމަށް ބުނެފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެހެންނަމަވެސް، މީހަކު މެރުމުގައިި އެހީތެރިވުމުގެ ދައުވާ ސާބިތުވެފައިވާ ޝިމާޒަށް އަސްލު ކުށްކުރި މީހާއަށް ދެވޭ އަދަބު ނުދެވޭނެ ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ޝިމާޒްގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. އަދި ޝަހުމްގެ މައްޗަށް ވަނީ މަރުގެ އަދަބު އިއްވާފަ އެވެ.

އަދި މި މައްސަލަ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ވަނީ ބާތިލުކޮށްފަ އެވެ. ވުމާއެކު، އެ ހުކުމް ކަށަވަރު ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށައެޅީ އެވެ.