މި ސަރުކާރުގައި ދިވެހިރާއްޖެ އަދި ޚާއްސަކޮށް މާލެއަކީ ބަލި އިންޕޯޓު ކުރާ ތަނަކަށް ހަދާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބޮންޑާ ވިދާޅުވީ، ރާއްޖެއަށް ބޭސް އެތެރެކުރުމަށް އުފެއްދި ކުންފުނި ކަމަށްވާ، ސްޓޭޓް ފާމާ އިން މިގެންނަ ބޭސްތަކުގެ ކޮލިޓީއާ މެދު ސުވާލު އުފެދޭ ކަމަށެވެ.
ޑޮކްޓަރަށް ދައްކާ މީހުންގެ ބޭސް ސިޓީ އަތުލައިގެން ސްޓޭޓް ފާމާގެ އެޖެންޓެއް ބޭސް ނަގައިގެން ގެނެސްދިން ނަމަވެސް ރައްޔިތުންނަށް ދެނީ ކޮންކަހަލަ ބޭހެއްތޯ ބަލަންޖެހޭ ކަމަށާއި، މި ގައުމުން ބައްޔެއް ފަސޭހަނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރީ ޒަމާނުގައި ރޯގާއެއް އުޅޭނަމަ ކަރަންޓީނުކުރި ނަމަވެސް، މިހާރު ރޯގާ ޖެހުމުން މާލެއަށް މީހުން ގެންނަ ކަމަށާއި، މާލެއަކީ މިހާރު އެންމެ ގިނައިން ބަލި އިންޕޯޓުކުރާ ސިޓީއަށް ވެފައިވާ ކަމަށް ބޮންޑާ ވިދާޅުވި އެވެ.
މީގެ އިތުރުން ބޮންޑާ ވިދާޅުވީ ކޮލިޓީ ބޭސް ރައްޔިތު މީހާއަށް ނުލިބި، ސްޓޭޓް ފާމާ މެދުވެރިކޮށް ނުރައްކާތެރި މާކެޓެއް ފުޅާކުރަމުންދާ ކަމަށެވެ.
މި ދޭތެރެއަށް މިހާރުވެސް ފަދަ ހުރިހާ ބާވަތެއްގެ ރޯގާ އުޅޭނެ. ކުރީގައި ވެއްޖެއްޔާ ރޯގާއިން އުޅެންޏާ ކަރަންޓީނުކޮށްގެން ގެންގުޅޭތާ ރޯގާ ޖެހުނީތީ. އެހެނެއް ނޫން. މިހާރު ރޯގާއަށް ވެއްޖެއްޔާ އަރުވާނީ މާލެއަށް. މާލެއަށް އެންމެ ގިނައިން ބަލި އިމްޕޯޓްކުރާތީ. އެހެންވީމާ ސްޓޭޓް ފާމާގައި އެއީ އެ މާކެޓެއް އަޅުގަނޑަށް ހީވަނީ ވަރަށް ނުރައްކާތެރި މާކެޓެއް ފުޅާކުރަނީ. އަނެއްކާ ބަލިމުމުގެ ކުރިން ކުރީ ޒަމާނު ވެސް، އެންމެ އިހު ޒަމާނުގައި ވެސް ފަރުވާދޭ ސަރުކާރު. މިހާރު ސަރުކާރު ދައުލަތެއް ހިންގާއިރުގައި ބެލުމުގެ ކުރިން ދޭ ފަރުވާތަކެއް އޮވޭ. ކޮމިއުނިޓީ ހެލްތު ވޯކަރުން އޮވޭ. ގޭގެއަށް ދާނެ ފޫޅުމައިންނާ މި ހުރިހާ އެންމެން ގޮސް ބަލިމީހުން ބަލާނެ. މިހާރު އެހެނެއް ނޫންއިބްރާހީމް ރަޝީދު (ބޮންޑާ)
ބޮންޑާ ވިދާޅުވީ، ބަލިވުމުގެ ކުރިން އެ މީހުންނަށް ފަރުވާ ދިނުމަކީ ސަރުކާރާއި ދައުލަތެއްގެ ޒިންމާއެއް ކަމަށާއި، ނަމަވެސް މިސަރުކާރުގައި އެކަން ވެސް ދޫކޮށްލާފައިވާ ކަމަށެވެ.
މީގެއިތުރުން، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ދުވަސްވީ ބަލިމީހުންނަށް ދުރާލާ އެހީތެރިކަން ދޭންޖެހޭ ކަމަށާއި، ހެލްތު އިންޝުއަރެންސްގެ ދަށުން މެޑިކަލް ޗެކަޕްތައް ހެދޭނެ އިންތިޒާމު ހަމަޖެހެންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިފަދަ ކަންކަމަށް ރައްޔިތުން ނުކުމެ ސަރުކާރަށް ޕްރެޝަރ ކުރުމަށް ބޮންޑާ ގޮވާލެއްވި އެވެ. އަދި ހުރިހާ ކަމެއް ސަރުކާރުގެ ހިއްސާވާ ކުންފުނިތަކަށް ދޫކޮށްލުމަކީ އެކަމުގެ ގެއްލުން ރައްޔިތުންނަށް ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.