އިންތިޚާބުތަކާ ދިމާކޮށް ވަޒީފާތަކަށް މީހުން ނެގި ސުމާރެއް ނުބަލާކަމަށާއި، އަދި ބައެއް މުވައްޒަފުން ޖޯލިފަތީގައި ވެސް ތިބެންޖެހޭކަމަށް ދ. ހުޅުދެލި ކައުންސިލްގެ ރައީސް އަހުމަދު ނަސްރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް ވިދާޅުވީ، ރަށުތެރޭގެ އާންމު ހާލަތު ރަނގަޅުކަމަށާއި، ނަމަވެސް ތަކެތީގެ އަގު ބޮޑުވުމާއި އަތްމަތި ދަތިވުން ފަދަ މައްސަލަތައް ރައްޔިތުން ފާހަގަކުރާކަމަށެވެ.

އޭނާ ވިދާޅުވީ، މަޝްރޫއުތައް ނުހިނގާތީ އެކަމުގެ ވާހަކަތައް ދެއްކެވުނު ފަހުން ކޮންމެވެސް ވަރަކަށް ބައެއް މަޝްރޫއުތައް މަޑުމަޑުން ހިނގަން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެކަށީގެންވާ އަވަސް މިނެއްގައި ކަންކަން ކުރިއަށްނުދާތީ ކަންބޮޑުވުން އެބަހުރިކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ނަސްރު އިތުރަށް ވިދާޅުވީ، އިންތިޚާބުތަކާ ދިމާކޮށް ވަޒީފާތަކަށް މީހުން ނެގީ ސުމާރެއް ނުބަލާކަމަށާއި، އަދި ބައެއް މުވައްޒަފުން ޖޯލިފަތީގައި ވެސް ތިބެންޖެހޭ ކަމަށެވެ. އެ މުވައްޒަފުންނަށް ކުރަންވީ މަސައްކަތެއް ދައްކާނެ ބަޔަކު ނެތްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ރަށުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކުގެ ކުރިއެރުން ލަސްވުމަކީ ރައްޔިތުން ކަންބޮޑުވާ މައިގަނޑު ކަމެއްކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވި އެވެ. 

މީގެއިތުރުން ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން ވެސް ނަސްރު ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ތަކެތީގެ އަގު ބޮޑުވުމާއި އަތްމަތި ދަތިވުމަކީ ރައްޔިތުން ދިރިއުޅުމުގައި ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކެއްކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ނަމަވެސް މި ހުރިހާ ގޮންޖެހުންތަކެއް އޮތް ނަމަވެސް، ރައްޔިތުން ތިބީ ކަންކަން ރަނގަޅުވެ، މަޝްރޫއުތައް ހުރި ބާރަކަށް ކުރިއަށްދާނެކަމަށް އުއްމީދުކުރަމުންކަމަށް ހުޅުދެލި ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.