ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކުރަން ހުށަހަޅައިފި އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މައުލޫމާތު ދިން ގޮތުގައި އީޝާގެ މައްޗަށް ކުރަނީ ޤާނޫނުލްއުޤޫބާތުގެ 612 ގެ ދަށުން ޤަޛުފުކުރުމުގެ ކުށުގެ ދައުވާ އެވެ. އަދި މި ދައުވާ އާދިއްތަ ދުވަހު ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ. 

ޤާނޫނުލްއުޤޫބާތުގެ 612 ވަނަ މާއްދާއަކީ ޤަޒުފުގެ ކުށް ކަނޑައަޅާ މާއްދާ އެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ މި ޤާނޫނުގެ 411 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޒިނޭގެ ކުށް މީހަކު ކޮށްފިކަމަށް ނުވަތަ ކުރަމުން ދާކަމަށް ދޮގު ތުހުމަތެއް ކުރުމަކީ ކުށެއް ކަމަށެވެ. މި ކުށަކީ ޖިނާއީ ހަތަރުވަނަ ދަރަޖައިގެ ކުށެކެވެ. މި ޤާނޫނުގެ 90 ވަނަ ބާބުގެ ދަށުން ހުއްދަކޮށްފައިވާ އަދަބުގެ އިތުރަށް 80 އެތިފަހަރުން ޖަލުދުކުރުމުގެ އަދަބު މި ކުށަށް ހުއްދަކުރެވިގެންވެ އެވެ.

އަދަދު ނޫހުގެ ސޯޝަލް މީޑިއާގައި ޝާއިއުކުރި "އައިޝާ ޑޮކިއުމެންޓްރީ" އާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ރައީސް އޮފީހާއި، ސަރުކާރުގެ ބައެއް މަޤާމުތައް ފުރާފައިވާ އައިޝަތު އީޝާ އަޝްރަފް ހާޒިރުވާން މިއަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ އަންގާފަ އެވެ. 

އެގޮތުން، ފުލުހުން ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ 2026 މާރޗު 28 ވަނަ ދުވަހު އަދަދު އޮންލައިންގެ އެކްސް އެކައުންޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގަޛުފުކޮށް، އައިޝާ ނަމުގައި ހަދާފައިވާ ޑޮކިއުމަންޓްރީގައި އޭނާގެ ބައިވެރިވުން އޮތް ކަމަށެވެ.

އޭގެ ފަހުން މި މައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީ އިން ސުވާލު ކުރުމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، މައްސަލައިގެ ތަހުޤީޤު ފުރިހަމަކުރުމަށް ފުލުހުންނަށް ލަފާދީފައިވާނެ ކަމަށެވެ. އެ ލަފަޔާ އެއްގޮތަށް ތަހުޤީޤު ފުރިހަމަކޮށް އަލުން މައްސަލަ ހުށަހެޅުމުން ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ވެސް އެ އޮފީހުން 21 ސެޕްޓެމްބަރު 2026 ގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި ފުލުހުން މީގެ ކުރިން ވަނީ އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ އިތުރުން، އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު (ހަސަނާ) ވެސް ސުވާލުކޮށްފަ އެވެ. އަދި މިހާރު އެ މީހުންގެ މައްޗަށް ވަނީ ގަޛުފުގެ ދައުވާ ވެސް އުފުލާފަ އެވެ.

އަދަދު ނޫހުން "އައިޝާ" ޑޮކިއުމެންޓްރީ ގެނެސްދިނުމުގެ އެއް މަސްދުވަސްކުރިން ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް ސަރުކާރުގެ މިނިސްޓަރަކު ފޯނުން ގުޅައި އިންޒާރުދިން ކަމަށް ދާދި ފަހުން އީޝާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ވަޒީރެއްކަން އޭނާ ހާމަކޮށްފައެއް ނުވެ އެވެ.