ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި ޑިޖިޓަލް ވަސީލަތްތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ގޮވާލައްވައިފި އެވެ. 

މިއަހަރުގެ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން، އެ މިނިސްޓްރީން ނެރުނު "ޓޫރިޒަމް ޑޭ ސަޕްލިމެންޓް 2026" ގައި ލިޔުއްވި މެސެޖެއްގައި މިނިސްޓަރު އަމީން ވަނީ މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރު ކަމަށްވާ "ޑިޖިޓަލް އެޖެންޑާ އެންޑް އާޓިފިޝަލް އިންޓެލިޖެންސް ޓު ރީޑިޒައިން ޓޫރިޒަމް" އަކީ ރާއްޖޭގެ އިގުތިސާދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާއަށް މިވަގުތު އެންމެ މުހިންމު މައުޟޫއުކަން ފާހަގަކުރެއްވާފަ އެވެ. 

 ޓެކްނޮލޮޖީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެ އިސްތިހާރު ކުރުމަށާއި، ފަތުރުވެރިން ދަތުރުތައް ރޭވުމަށް އައު ފުރުސަތުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމަށާއި، ޚާއްސަކޮށް އޭއައިގެ އެހީގައި ފަތުރުވެރިންގެ ބޭނުންތައް ދެނެގަނެ، މާކެޓުގެ ޑިމާންޑް އޮތްގޮތް މީގެ ކުރިން ދުވަހަކު ވެސް ނޭނގޭ މިންވަރަށް ސާފުކޮށް ބަލާލުމުގެ ގާބިލުކަން މިހާރު ލިބިފައިވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން ރާއްޖޭގެ އެންމެ ދުރު އަތޮޅުތަކުގައި ހިންގާ ގެސްޓްހައުސްތަކާއި ކުދި ވިޔަފާރިތަކަށް ވެސް ބޮޑެތި ރިސޯޓުތަކެކޭ އެއްފަދައިން ބައިނަލްއަގުވާމީ މާކެޓަށް ވާސިލުވުމުގެ ފުރުސަތު ލިބިގެންދާނެކަން ފާހަގަކުރައްވާ، މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ފަރުތައް ހިމާޔަތްކޮށް ބެލެހެއްޓުމުގައި ވެސް ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފުމަކީ މިނިސްޓްރީގެ އަމާޒެއް ކަމަށެވެ. 

މީގެ އިތުރުން، ފަތުރުވެރިކަމާއި މަދަނީ އޭވިއޭޝަން އެއް މިނިސްޓްރީއެއްގެ ދަށަށް ގެނައުމާއެކު، ފަތުރުވެރިޔާގެ ދަތުރުގެ ހުރިހާ މަރުހަލާއެއް އެއްވިއުގައަކުން ގުޅާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ. އެގޮތުން އެއާޕޯޓުތަކާއި ފަސިންޖަރުންނަށް ޚިދުމަތްދޭ ނިޒާމުތައް ޒަމާނީކޮށް، ރާއްޖޭގެ އުތުރާއި ދެކުނަށް ފަތުރުވެރިކަމުގެ މަންފާ ފުޅާކުރުމަށް ސަރުކާރުން އިސްކަން ދެމުން ގެންދާ ކަމަށް ވިދާޅުވި އެވެ. 

ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގު ބިނާކުރުމުގައި ދިވެހިންގެ މެހެމާންދާރީއާއި ޒަމާނީ ޓެކްނޮލޮޖީ އެކުލަވާލައިގެން ކުރިއަށް ދިއުމަށް މިނިސްޓަރު އަމީން ގޮވާލެއްވި އެވެ.