ރަސްމާލެ
ދިވެހިންނަށް ތައާރަފުކުރެވުނީ ލަގްޒަރީ ރިއަލް އެސްޓޭޓް މަޝްރޫއެއް ގޮތުގައެއް ނޫނެވެ.
ރަސްމާލެ ހިއްކަންފެށުނީ 1,153 ހެކްޓަރުގެ ބިމެއް ހިއްކައި، 65,000 އާ ދިމާލަށް
ހައުސިންގ ޔުނިޓްތައް ހަދައި، މާލޭގެ ގެދޮރު ދަތިކަމަށް ދާއިމީ ހައްލެއް ހޯދާނެ
މަޝްރޫއެއްގެ ގޮތުގަ އެވެ.

ނަމަވެސް
2026 ސެޕްޓެންބަރު 21 ގައި ސަރުކާރާއި އަބޫދާބީގެ އީގަލް ހިލްސްއާ ދެމެދު މޯލްޑިވްސް ވޯޓަރފްރޮންޓް އެންޑް މެރީނާ މަޝްރޫއަށް ކޮމާޝަލް ޓާމްސް
އެގްރީމެންޓެއްގައި ސޮއިކުރެވުނެވެ. މިއީ ފައިނަލް ކޮންޓްރެކްޓް ނޫންކަމަށާއި ތަފްސީލީ
ޝަރުތުތައް ފަހުން ހާމަކުރާނެކަމަށް އީގަލް ހިލްސް އިން ބުނެ އެވެ. އަދި
ސޮއިކުރެވުނު އެގްރީމެންޓް ވެސް މިހާތަނަށް އާންމުކޮށް ޝާއިއުކޮށްފައެއް ނުވެ އެވެ.

ސަރުކާރުން
ބުނަނީ ރަސްމާލޭގެ 500  ހެކްޓަރު މި މަޝްރޫއަށް ދެވޭނެ ކަމަށެވެ. ބައެއް
ބައިނަލްއަޤްވާމީ ރިޕޯޓުތަކުގައި 550 ހެކްޓަރުގެ އަދަދެއް ވެސް ފާހަގަކުރެވެ އެވެ. މި
ނިންމުންތައް ނިންމިއިރު، ޤާނޫނުއަސާސީގެ 251 ވަނަ މާއްދާގައި ބޭރު ފަރާތަކަށް
ދިވެހި ބިން މިލްކުކޮށް ނުދެވޭނެކަމާއި އަދި ލީސް 99 އަހަރަށްވުރެ ދިގު ނުކުރެވޭނެ
ކަމަށް ސާފުކޮށް ލިޔެފައި އެބައޮތެވެ.

ނަމަވެސް، 99 އަހަރަކީ 99 އަހަރެވެ. އީގަލް ހިލްސް އިން ރަސްމީކޮށް ބުނަނީ މި
ޑިވެލޮޕްމެންޓުގެ ޕްރޮޕަޓީތައް 99 އަހަރު ދިގު ލީސަށް ދެވިދާނެ ކަމަށާއި، ޕްރޮޕަޓީ
ވިއްކާލާ ނުވަތަ ވާރުތަކުރާ ކޮންމެ ފަހަރަކު އައު 99 އަހަރުގެ ލީސެއް ފެށޭނެ ކަމަށެވެ. އެހެންކަމުން މިއޮތީ ބިން ހިބައިން ދީފަ އެވެ. މި ރިސެޓިންގ ލީސްއާ ގުޅޭ ޤާނޫނުއަސާސީން
ކުރިމަތިކުރުވާ ސުވާލު އަދި އާންމުކޮށް ހައްލުވެފައެއް ނެތެވެ. އަދި 500 ހެކްޓަރު
ބިމުގެ އީގަލް ހިލްސްގެ މާސްޓަރ ލީސްގެ
މުއްދަތާއި ރެންޓާއި ޝަރުތުތައް ވެސް އާންމުކޮށް ޝާއިއުކޮށްފައެއް ނެތެވެ.

ދިވެހިރާއްޖެ
ބިން ދެނީ ކިހާ އަގަކަށްތޯ؟ މިއީ އެންމެ މުހިންމު ސުވާލެކެވެ.

ސަރުކާރުން
އަޕްފްރަންޓް އަގެއް ނަގާ ބިން ދޫކުރުމުގެ ބަދަލުގައި ރެވެނިއު ޝެއަރިންގ މޮޑެލްއެއް ތަންފީޒުކުރާކަމަށް
ބުނެ އެވެ. ސަރުކާރުން ބުނަނީ މާސްޓަރ ޑިވެލޮޕަރގެ ރެވެނިއުގެ ދިހަ އިންސައްތަ، ކޮންމެ ޕްރޮޕަޓީ ޓްރާންޒެކްޝަނެއްގެ ހަތަރު އިންސައްތަ، އަދި ހޮޓެލް، ރެސްޓޯރަންޓް އަދި ޚިދުމަތްތަކުގެ ޓެކްސް
ސަރުކާރަށް ލިބޭނެ ކަމަށެވެ. ސޭލްސްގެ ފައިސާ ދިވެހި ބޭންކެއްގެ އެސްކްރޯ އެކައުންޓް އަކުން
ހިންގާނެ ކަމަށް ވެސް ބުނެ އެވެ. ނަމަވެސް މި ދިހަ އިންސައްތަ ހިސާބުކުރާނީ ގްރޮސް ސޭލްސް އިންތޯ، އޮޕަރޭޓިންގ ރެވެނިޔު އިންތޯ، ނުވަތަ ޖުމްލަ ފައިދާއިންތޯ ވެސް
ސާފެއް ނޫނެވެ. ކިހާ މުއްދަތަކަށް ދިހަ އިންސައްތަ ލިބޭނެތޯ ވެސް ޝާއިއުކޮށްފައެއް
ނެތެވެ.

މި 500
ހެކްޓަރު ޕްރައިމް ބިމުގެ އިންޑިޕެންޑެންޓް ވެލިއުއޭޝަން
އެއް އާންމުންނަށް ދައްކާފައެއް ނެތެވެ. އަދި އީގަލް ހިލްސް ހޮވުމަށް
ކުރެވުނު އާންމު ވާދަވެރި ޓެންޑަރ އެއްގެ ތަފްސީލެއް ވެސް ޝާއިއުވެފައެއް ނެތެވެ.
އެހެންވީމާ، މި ބިމަށް މާކެޓުން އެހެން ފަރާތެއް ކިހާ އަގެއް ނުވަތަ ކިހާ ރަނގަޅު
އަގެއް ދީފާނެތޯ ބަލާފައެއް ވެސް ނެތެވެ.

މަޝްރޫއު ވިހި ބިލިއަން ޑޮލަރު ކަމަށް ސަރުކާރު ބަޔާންކުރާއިރު، ބްލޫމްބާގް އަދި
ރޮއިޓަރސް ފަދަ ރިޕޯޓުތަކުގައި ބާރަ ބިލިއަން
ޑޮލަރުގެ އަދަދެއް ފާހަގަކުރެ އެވެ. މިއީ ވެސް މުހިންމު ފަރަގެކެވެ. އަދި  ޑިވޮލަޕްމްންޓް ވެލިއު އަކީ އެ ފައިސާ
ފުރިހަމައަށް އީގަލް ހިލްސް އިން ކޭޝްކޮށް ދިވެހިރާއްޖެއަށް ދައްކާ ފައިސާއެއް ނޫނެވެ.
ކުންފުނީގެ އަމިއްލަ އިކުއިޓީ ކޮމިޓްމެންޓް އަކީ ކިހާ އަދަދެއްތޯ އަދި
ސާފެއް ނޫނެވެ. ސަރުކާރު ބުނަނީ މި މަޝްރޫއަށް ސަރުކާރު ލޯނެއް ނުނަގާނެ، ސޮވަރިން ގެރެންޓީ އެއް ނުދޭނެ،
އަދި ޓެކްސް ލުޔެއް ވެސް ނުދޭނެ ކަމަށެވެ.

އީގަލް
ހިލްސް އިން ހުޅުމާލޭގައި ތިން ކޮޓަރީގެ ފަސް
ހާސް ފްލެޓް އަޅާނެ ކަމަށް ވެސް ބުނެވެ އެވެ. އަގު ހަތަރެއް ނުވަތަ ފަސް މިލިއަން
ކަމަށް ބުނާ މި ފްލެޓްތަކަށް ކުރިން ފައިސާ ދޭނީ އީގަލް ހިލްސް އިން ނަމަވެސް، އެ ޚަރަދު ފަހުން ސަރުކާރަށް ލިބޭ ދިހަ އިންސައްތަ ރެވެނިޔު ޝެއަރ އިން ކެނޑޭނެ ކަމަށް ވަޒީރު ވިދާޅުވެފައިވެ އެވެ. އެހެންވީމާ މި
ފްލެޓްތަކަކީ ހިލޭ ހަދިޔާއެއް ކަމަށް ބެލުން ރަނގަޅެއް ނޫނެވެ.

މި
މަޝްރޫއާ ގުޅޭ އެންމެ ސެންސިޓިވް ދައުވާއަކީ އީގަލް ހިލްސް އަކީ އިސްރާއީލާ ގުޅުންހުރި ކުންފުންޏެއްކަމެވެ. އީގަލް
ހިލްސް އަކީ އަބޫދާބީގެ ޕްރައިވެޓް ޑިވެލޮޕަރެކެވެ. ނަމަވެސް ޗެއަރމަން މުހައްމަދު
އަލައްބާރަށް އިސްރާއީލީ މުއައްސަސާތަކާ ގުޅުންތައް ހުރިކަން ޑޮކިއުމެންޓްތަކުން
ސާފުކޮށް ފެންނަން އެބައޮތެވެ. 2018 ގައި އިސްރާއީލްގެ ފުޑް ސެކިއުރިޓީ މަޝްރޫއެއްގެ ޑޯނަރެއް
ކަމަށް އަލައްބާރު ބައިވެރިވިއިރު، 2023 ގައި އިސްރާއީލްގެ ޝެބާގެ މެޑިކަލް ސެންޓަރެއްގެ ފަންޑްރައިޒިން
ގާލާއެއްގައި ވެސް އޭނާ މުހިންމު މެހެމާނެއް ގޮތުގައި ބައިވެރިވެފައިވެ އެވެ.

މި
މުއާމަލާތުގެ އެންމެ ބޮޑު ސުވާލަކީ ދިވެހިންގެ ގެދޮރަށް ވައުދުކުރެވުނު ޤައުމީ
ބިމުގެ ބޮޑު ބައެއް، ޖީލުތަކަށް ދެމިގެންދާ ކޮމާޝަލް މުއާމަލާތެއްގައި ދެވެމުންދާއިރު،
އާންމުންނަށް އަގާއި ޝަރުތާއި ކޮންޓްރެކްޓް ނުދައްކަނީ ކީއްވެތޯ އެވެ.

2026 ގައި
ފެށޭ 99 އަހަރުގެ ހައްޤެއް 2125 ގައި ވެސް ދެމިއޮންނާ އެވެ. އަދި ޕްރޮޕަޓީ
ޓްރާންސްފަރކުރުމުގައި ކޮންމެ ފަހަރަކު އައު 99 އަހަރުގެ 'ކްލޮކެއް' ފެށޭނަމަ،
މިއީ މިއަދުގެ ސަރުކާރެއްގެ ހަމައެކަނި ނިންމުމަކަށް ވެގެން ނުވާނެ އެވެ. މިއީ އަންނަ
ޖީލުތަކުގެ ބިމާއި މުސްތަގުބަލާ ގުޅޭ ނިންމުމެކެވެ.

އެހެންވީމާ
އެގްރީމަންޓް އާންމުކޮށްދޭށެވެ. ބިމުގެ  އަގު މިނިވަންކަމާއެކު
ބެލުމުން ޖެހޭ އަގު ބަލާ، ޝާއިއުކޮށްދޭށެވެ. ޤާނޫނީ ރައުޔު ދައްކަދޭށެވެ. ޓެންޑަރ
ނުވަތަ ޑައިރެކްޓް ނެގޯޝިއޭޝަން ހިންގި ޤާނޫނީ އަސާސްތައް ސާފުކޮށްދޭށެވެ. އީގަލް
ހިލްސްގެ އަމިއްލަ ފައިސާގެ ކޮމިޓްމެންޓް ދައްކަދޭށެވެ. ދިހަ އިންސައްތަ
ރެވެނިއުގެ ހިސާބު ސާފުކޮށްދޭށެވެ.  99
އަހަރުގެ ލީސް ރީސެޓް ވާނީ ކިހިނެއްކަން ސާފުކޮށްދޭށެވެ.

މި
ބިމަކީ ދިވެހިންގެ މިލެކެކެވެ. ވާހަކަދެކެވޭ ރާގުން ނަމަ، ޔަހޫދީންނަށް މަންފާއެއް
ކުރަނިވި، މިވަރުގެ ހަރުމުދަލެއް ދޫކޮށްލަން ދިވެހި އެންމެ ދަރިޔަކު ވެސް
ބޭނުމެއްނޫނެވެ. ސަރުކާރާއި މިކަމުގެ ވާގިވެރިން އެކަން ހަނދާނުގައި
ބަހައްޓައްޗެވެ.